ވިޔަފާރި

އުފެއްދުންތެރި ނޫން ލޯނު ހަ ޕަސެންޓް އިތުރު

Jul 4, 2020
1

ބޭންކް ތަކުން ދޫކުރި ލޯނުތަކުގެ ތެރެއިން އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ފުރަތަމަ ކްއާޓަރުގައި ހަ ޕަސެންޓް މަތިވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމު ކޮށްފައިވާ މި އަހަރު ފުރަތަމަ ކްއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، މި ކްއާޓަރުގައި ދޫކުރި ލޯނުތަކުގެ ތެރޭގައި ހިމެނޭ އުފެއްދުންތެރި ނޫން ލޯނުގެ އަދަދު ވަނީ 149 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އުފެއްދުންތެރި ނޫން ލޯނަކީ ދައްކަން ކަނޑައަޅާ މުއްދަތު ފަހަނަޅައި ދާއިރު ނުދައްކާ ނުވަތަ ދެއްކުން ލަސްވެފައި ހުންނަ ލޯނު ތަކެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ފުރަތަމަ ކްއާޓަރު ނިމުނުއިރު، ބޭންކްތަކުގެ ފައިދާ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 13 ޕަސެންޓް ދަށްވެ، 606.8 މިލިއަން ރުފިޔާ އަށް އަރާފަ އެވެ. ބޭންކް ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލާއާފާތުގެ ސަބަބުން މާލީ ދާއިރާއަށް ކުރިމަތިވެފައިވާ ގެއްލުން ތަކެވެ.

ބޭންކް ތަކުން ފައިސާ ނެގި އަދަދާއި ޖަމާ ކުރި އަދަދު މި މުއްދަތުގައި 62 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ފައިސާ ޖަމާކުރި އަދަދު ދެ ޕަސެންޓް އިތުރުވެ 37 ބިލިއަން ރުފިޔާ އަށް އަރާފައިވެ އެވެ. ނަމަވެސް މި މުއްދަތުގައި ބޭރު ފައިސާގެ ޑިޕޮސިޓަށް ވުރެ ބޮޑަށް އިތުރުވެފައިވަނީ ދިވެހި ރުފިޔާ ޑިޕޮސިޓް ކުރި މިންވަރެވެ.