ވިޔަފާރި

މިދިޔަ އަހަރު ބޭންކްތަކުގެ އެސެޓް 10 ޕަސެންޓް އިތުރުވި

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ވިޔަފާރި ބޭންކްތަކުގެ ޖުމްލަ އެސްޓް 10 ޕަސެންޓް އިތުރު ވެފައިވާ ކަމަށް، މަރުކަޒީ ބޭންކުން ބުނެފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭންކްތަކުގެ އެސެޓް ވަނީ 53 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

އެ ބޭންކުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ބޭންކިން ސެކްޓާގެ ކުރިއެރުން ހުރިހީ ވަރު ގަދަ ކޮށެވެ. މި ދާއިރާއަށް ވަނީ ކުރިއެރުންތައް ވެސް ލިބިފަ އެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން މިިދިޔަ އަހަރު ބޭންކު ތަކުން ދޫކުރި ލޯނުގެ އަދަދު ވެސް އިތުރުވި އެވެ. ލޯނު ޕޯޓް ފޯލިއޯ ވަނީ 46 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް 2018 ވަނަ އަހަރާ އަޅާ ބަލާއިރު ޓެކުހަށް ކެނޑުމުގެ ކުރީގައި ބޭންކް ތަކަށް ލިބުނު އާމްދަނީ ވަނީ ހަތަރު ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަަހަރު ލިބިފައި ވަނީ 2.6 ބިލިއަން ރުފިޔާގެ އާމްދަނީ އެވެ.

މި ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ބޭންކް ތަކަށް 35 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު އަދަދަކީ އަށް ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖޭގައި މިހާރު 58 ބޭންކް ބްރާންޗާއި 148 އޭޓީއެމް އެބަހުއްޓެވެ. މި ބްރާންޗުތަކުގެ ތެރެއިން 34 ބްރާންޗް އާއި 56 އޭޓީއެމް ހުރީ މާލެ އިން ބޭރުގަ އެވެ.