އާދަމް ޝަރީފު އުމަރު

މުޅި އަސްކަރިއްޔާ ބަދުނާމު ކޮށްގެން ނުވާނެ: އާދަމް ޝަރީފް

ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން މައުލޫމާތުތަކެއް ލީކު ކޮށްލި މައްސަލައިގައި މުޅި އަސްކަރިއްޔާ ބަދުނާމު ނުކުރަން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާ ލައްވައިފި އެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ކަމަށް ބުނެ ސިއްރު މައުލޫމާތުތަކެއް މިހާރު ނޫހުގައި ޝާއިއު ކުރި މައްސަލައެއް ވަނީ ހޫނުވެފަ އެވެ. އަދި އެ މައުލުމާތުތައް ލީކުވި ގޮތް ބަލަން ފަށައި އެކަމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ދަނީ ބަހުސް ކުރަމުން ނެވެ.

އެ ބަހުސްގައި ބައިވެރިވެ ވަޑައިގެން މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން މައުލޫމާތުތައް ލީކް ކުރީ އަސްކަރިއްޔާއަށް ވުރެ ބޮޑަށް އަސްކަރިއްޔާއިން ރިޕޯޓްކުރާ މީހަކު ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑު އެ އާޓިކަލް ކިޔާލާއިރު މި އިންނަނީ އެމްއެންޑީއެފްއިން އެ ފުރުސަތެއް ނުދޭނެއޭ. މި އިބާރާތް އޮންނަ ގޮތަށް ބަލާލާއިރު ވާހަކަތައް ހާމަވެގެން ގޮސް މިއޮތީ ސީދާ އެމްއެންޑީއެފުންނޭ ބުނުމަށް ވުރެ ބޮޑަށް ބޮޑަށް ގަބޫލު ކުރެވެނީ ދެވަނަ މީހެއް ނުވަތަ ތިން ވަނަ މީހެއް އެ ވާހަކަތައް ދައްކާފައިވާ ކަމަށް. މިއީ އަސްކަރިއްޔާއިން ހާމަކުރި މައުލޫމާތުތަކަށް ވުރެ ބޮޑަށް އަސްކަރިއްޔާއިން އެ މައުލޫމާތު ރިޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ވެސް އެއް ފަރާތަކުން ހިއްސާކޮށްފައި އޮތް މައުލޫމާތުތަކެއް ކަމަށް ގަބޫލު ކުރެވޭ" އާދަމް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު އެތަނުގައި ތިއްބެވި ސިފައިންގެ އަމަލު ކުރެއްވި ގޮތަށް ވެސް އާދަމް ޝަރީފު ތައުރީފް ކުރެއްވި އެވެ. ވިދާޅުވީ އެ ބޭފުޅުންގެ ކިބައިން ފެނިގެން ދިޔައީ ހުޝިޔާރުކަމާއި ގާބިލްކަން ކަމަށެވެ. އެހެންކަމުން މައުލޫމާތުތަކެއް ލީކުވުމުން މުޅި އަސްކަރިއްޔާ ބަދުނާމު ކުރުން ރަނގަޅު ނޫން ކަމަށެވެ.

ސިފައިން ލީކްކޮށްލި މައުލޫމާތުތަކަށް ވުރެ ބޮޑަށް އެއީ އެފަދަ މައުލޫމާތުތައް ލިބޭ ސިޔާސީ ކުލަ ޖެހިފައިވާ މީހަކު ލީކު ކޮށްލި މައުލޫމާތުތަކެއް ކަމަށް ޝަރީފް ދެކެވަޑައިގަންނަވަ އެވެ. އެހެންކަމުން އެ މައްސަލަ ބަލައި ތަހުގީގު ކުރަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އޭނާ ގޮވާލެއްވި އެވެ.

"އަބަދު މުޅި އެމްއެންޑީއެފް ބަދުނާމް ކުރުމުގެ ބަދަލުގައި އަޅުގަނޑު ހިތުން އެބަ ވިސްނަން ޖެހޭ މިކަންކަން މި ހިނގަމުން ދަނީ ކިހިނެއް ވެގެންތޯ؟ ބަލާފައި ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް" އޭނާ ވިދާޅުވި އެވެ.