އާދަމް ޝަރީފު އުމަރު

ރައީސް ނަޝީދަށް ރާއްޖެ ނާދެވިގެން އުޅޭ ސަބަބު މަޖިލީހުން ބަލަންޖެހޭ: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެ ވަޑައިނުގެންނެވިގެން އުޅޭ ސަބަބެއް މަޖިލީހުން ކޮންމެހެން ބަލަން ޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުުރުގެ ފުރަތަމަ ޖަލްސާއަށް ރައީސް ނަޝީދު މިއަދު ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވުމާ ގުޅިގެން ކަންބޮޑުވާ ބައެއް ކަންކަން ހިއްސާކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓްރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލްގެ ބަހުސްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނަވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ އާ ދައުރު މިއަދު ފެށުނު އިރުވެސް ރައީސް ނަޝީދު މަޖިލީހުގައި ނެތުމަކީ އެކަމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ރާއްޖެ ވަޑައިނުގެންނެވޭ ސަބަބެއް މަޖިލީހަށް ހުށަހަޅައިގެން ނަމަވެސް ހޯދުމަކީ މިވަގުތު ކުރަން އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

މަޖިލީހަކީ ދައުލަތުގެ ތިންވަނަ ބާރު ކަމަށް ވާއިރު ގާނޫނުތައް ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ ޒިންމާ އެކެވެ. އަދި މަޖިލީހުގެ ހުރިހާ މެމްބަރުންނާއި މަސައްކަތްތަކާއި ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސް ފަރާތަކީ ރައީސް ނަޝީދު ކަަމަށްވާއިރު މަޖިލީހުގައި އެމަނިކުފާނު ވަޑައިގެންނެތުމުން މަސައްކަތްތައް ވެސް ހުރަސް އެޅޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ މަސައްކަތްތަކުގައި މިވަގުތު ނޫޅުއްވި ނަމަވެސް އެމަނިކުފާނާ މެދު ހިތްހަލާސް ކަމަށެވެ.

""ހައެއް މޭގައި ރައީސް ނަޝީދަށް ދެވުނު އުދުވާނީ ހަމަލާ އާއި އެކު އެމަނިކުފާނަށް ދިވެހި ގައުމަށް، މި މަޖިލީހަށް ހިދުމަތްކުރުމުގެ ފުރުސަތު ނުލިބި ތިން މަހަށް ވުރެ ގިނަ ދުވަސް ވެގެން މިދިޔައީ. މިއަދު އެމަނިކުފާނު ފޮނުއްވި ސިޓީއާއި އެކު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއަހަރުގެ ކުރިއަށް މިއޮތް ދުވަސްތަކުގައި ވެސް ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހިދުމަތް ކުރމުގެ ފުރުސަތު އެމަނިކުފާނަށް ލިބިގެންދާނެ ކަމަކަށް،" ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިއަދު ގައުމަށް ކުރިމަތިވެފައިވަނީ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށެވެ. މަޖިލީހުގެ ރައީސް މިވަގުތު ނެތުމުން އެކަމުގެ އުނިކަން މަޖިލީހުގެ ތެރެއިން ވަރަށް ބޮޑަށް ފެންނަމުންދާ ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެ އުނިކަމަކީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ގާބިލުކަން ނެތިގެން ދިމާވާ އުނިކަމެއް ނޫން ކަމަށެވެ.

އާދަމް ޝަރީފް މަޖިލީހުގައި މިއަދު ދެއްކެވި ވާހަކަތައް ފާހަގަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވަނީ އޭނާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.