މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކުވި މައްސަލައިގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނޫޅޭތީ އެމްޑީޕީއަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ފާޑު ވިދާޅުވެއްޖެ އެވެ.
"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ކަމަށް ބުނެ ސިއްރު މައުލޫމާތުތަކެއް މިހާރު ނޫހުގައި ޝާއިއު ކުރި މައްސަލައެއް ވަނީ ހޫނުވެފަ އެވެ. އަދި އެ މައުލުމާތުތައް ލީކުވި ގޮތް ބަލަން ފަށައި އެކަމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ދަނީ ބަހުސް ކުރަމުން ނެވެ.
އެ ބަހުސްގައި ބައިވެރިވެލައްވައި ނިހާދު ވިދާޅުވީ ސިއްރު މައުލޫމާތުތަކެއް ލީކުވުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއަށް މަހެއްވާން ކައިރިވި އިރު މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާމެދު ސުވާލު އުފެއްދެވި އެވެ.
އެ ވާހަކަތަކާ އޭނާ ދެން ގުޅުވާލީ ވަޒީރުންގެ މަސްއޫލިއްޔަތުތަކާ އެވެ. އެގޮތުން މީގެ ކުރިން ވަޒީރުން މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރުމުން މަގާމުން ވަކި ކުރިކަން ފާހަގަ ކުރެއްވި އެވެ.
"ކިތައް މިނިސްޓަރުންގެ އިހުމާލު އެބައޮތް ތޯ؟ ކާކުގެ ތޯ އެ އިހުމާލު އޮތީ؟ އަޅުގަނޑުމެންގެ ކޮންމެ އިއްޒަތްތެރި މަޖިލިސް މެމްބަރަކު ތެދުވެފައި ވާހަކަ ދައްކަމުން އެބަ ވިދާޅުވޭ އެމްއެންޑީއެފްގެ އިހުމާލު އޮތް ވާހަކަ. ކީއްވެގެންތޯ [ޑިފެންސް މިނިސްޓަރު] މާރިޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ލާން އަޅުގަނޑުމެން ނަށް ނުކެރިގެން މިއުޅެނީ؟ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކަށް ވީތީ މި އޮތް ބޮޑު ޓެރަރިޒަމްގެ ހަމަލާ ހިނގައި އިހުމާލުވި ފަރާތްތަކާ ދޭތެރޭ ފިޔަވަޅެއް އަޅަން ނުކެރި ފަސް ޖެހެން ތިބޭ ސަބަބަކީ ކޮބައިތޯ؟" ނިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތައް ނުބެލި ރާއްޖޭގެ ސަލާމަތްތެރިކަން ދެން ކަށަވަރު ނުކުރެވޭނެ ކަމަށެވެ.
މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފްއިން އެމަނިކުފާނަށް ސެކިއުރިޓީ ދިން ގޮތާ ގުޅިގެން މީގެ ކުރިން ވެސް މާރިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސެކިއުރިޓީ ބްރީޗްވި ގޮތާ ގުޅޭ ގޮތުން މަޖިލީހުން މިހާރު ވަނީ ތަހުގީގެއް ވެސް ފަށައިފަ އެވެ.