ރައްޔިތުންގެ މަޖިލިސް

ހަބަރު ނުވީކީ ނޫން، ޓެކްނިކަލް މައްސަލައެއް ދިމާވީ: ނަސީމް

މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށް ފަހު މިއަދު ހަބަރު ނުވީ ނޫން ކަމަށާއި އެގޮތް މެދުވެރިވީ ދިމާވީ ޓެކްނިކަލް މައްސަަލައެއްގެ ސަބަބުން ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ކ. ދިއްފުއްޓަށް ދިމާވެފައިވާ އުދަ އެރުމުގެ މައްސަލަ ހައްލު ކުރަން ނަސީމް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވި އެވެ. އަދި އެ މައްސަލަ ބަލައިގަންނަން މަޖިލީހުން ފާސް ކުރި އެވެ. ނަމަވެސް ބަހުސަށް ހުޅުވާލުމުން މެމްބަރުގެ ހަބަރުވެފައެއް ނުވެއެވެ.

އޭނާގެ ހަބަރެއް ނުވުމުން މަޖިލީހުގެ އިދާރީ މޭޒު މެދުވެރިކޮށް ފޯނުން ގުޅައިގެން ނަސީމަށް ފުރުސަތު ދޭން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަސައްކަތް ވެސް ކުރެއްވި އެވެ. ނަމަވެސް ފޯނުން ވެސް ނަސީމާ ގުޅޭ ގޮތް ނުވި ކަމަށް އީވާ ވިދާޅުވި އެވެ.

ފަހުން ނަސީމް ވަނީ އެކަން ހިނގައިދިޔަ ގޮތް ތަފްސީލް ކޮށްދެއްވާފަ އެވެ. އެނާ ވިދާޅުވީ "ބެލެނީ އެއީ ޓެކްނިކަލް މައްސަލައެއް" ކަމަށެވެ.

"މިއުޓްކޮށްފައެއް ނޯންނާނެ. ދެން އެ ގަޑީގަ ފޯނަށް ރޭންޖް ނުލިބުނީ ކަމަށް ބެލެވެނީ. އަޅުގަނޑުގެ ފޯނު ނުނަގައެއް ވެސް ނޯންނާނެ. ނިއްވާލާފައެއް ވެސް ނޯންނާނެ. ދެން އަޅުގަނޑު ފޯނަށް ނުގުޅުނު ކަމަށް އީވާ ވިދާޅުވަނީ. އަޅުގަނޑަކަށް ނޭނގޭ ނޯމަލް ލައިންއިން ވީގޮތެއް. އަޅުގަނޑާ އެ ގަޑީގައި ވެސް ވަޓްސްއަޕުން ޗެޓް ކުރަމުންދިޔަ އަމީން އާންމު." ނަސީމް ވިދާޅުވި އެވެ.

ނަސީމް ހުށަހެޅުއްވި މައްސަލައިގެ ބަހުސް މެންދުރު ފަހުން ވަނި ކުރިއަށް ގެންގޮސްފަ އެވެ. އަދި ނަސީމް މިއަދު ވަނީ ދިއްފުއްޓަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދޭން އެދިވަޑައިގެންފަ އެވެ.