ދިއްފުށި

ދިއްފުށީގެ ބިން ހިއްކުމާ ގުޅޭ އަޕްޑޭޓް ދީފި

ކ. ދިއްފުށީގެ ބިން ހިއްކުމާ ބެހޭ މަޝްރޫއުގެ އަޕްޑޭޓެއް ދީފި އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހުގައި އެ އަޕްޑޭޓް ދެއްވީ ދިއްފުށީގެ ބިން ހިއްކުމާ ގުޅޭ ގޮތުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ސުވާލު ކުރެއްވުމުންނެވެ.

ނަސީމް ސުވާލެއް ކުރެއްވީ ދިއްފުށީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ނުކުރެވި ލަސްވާ ސަބަބާބެހޭ ގޮތުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ދިއްފުށީގެ މަޝްރޫއުއަށް މިއަހަރުގެ ބަޖެޓުގައި އެއް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި އަދި މި އަަހަރު ތިން ވަނަ ކުއަޓާގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލު ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން އެގޮތަށް ކުރިއަށް ނުގެންދެވުނު ކަމަށެވެ.

އިތުރަށް ވިދާޅުވީ ދިއްފުއްޓަކީ މާލެ އަތޮޅުގެ ލޯކަލް ޓުއަރިޒަމްގެ ދާއިރާގައި ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ ރަށަކަށް ވާތީ ލޯކަލް ޓުއަރިޒަމަށް އެންމެ ފަހިވާނެ ގޮތަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފިކުރު ގެންގުޅޭ ކަމަށެވެ.