ހަބަރު

މެންބަރު ފެންމަތިކުރި ޖިންސީ ގޯނާގެ މައްސަލައެއް މަޖިލީހުން ބަލަނީ

ކ. ދިއްފުށީގައި ޖިންސީ ގޯނާގެ މައްސަލައެއް ހިނގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ރަށް ހިމެނޭ ތުލުސްދޫ ދާއިރާގެ އަމިއްލަ މެންބަރު އިބްރާހީމް ނަސީރު ފެންމަތިކުރެއްވުމުން، އެ މައްސަލައިގެ މައުލޫމާތު ހޯދަން އެ ރަށުގެ ކަމާ ބެހޭ ފަރާތްތަކަށް މަޖިލީހުގެ އިދާރާއިން އެދެން ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެން ޑިސްއެބިލިޓީ އެމްބެސެޑާ ކަމުން ދާދި ފަހުން ވަކި ކުރި އަހްމަދު ހިޝާންގެ މައްސާލަގައި ޖެންޑާ މިނިސްޓްރީން ވެފައިވާ އިހުމާލުތައް ބަލަން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދާފަ އެވެ. މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މިކާއީލް އަހްމަދު ނަސީމް އެވެ.

އެ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ނަސީމް ވިދާޅުވީ، ވަރަށް އިހު ޒަމާނުން ފެށިގެން ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އެބަ އޮތް ކަމަށާއި މި ގޮތަށް ސިއްރުވެފައިވާ އެތައް މައްސަލައެއް މިހާރު ވެސް ހާމަނުވެ އޮންނާނެ ކަމަށެވެ.

ދެން އޭނާ ވިދާޅުވީ، އޭނާގެ ރަށުގައި ވެސް އެފަދަ މައްސަލައެއް ހިނގަމުންދާ ކަމަށެވެ. އެ ރަށުގައި ކިޔަވާ ސްކޫލްގައި އުޅޭ ކުޑަ އަންހެން ކުއްޖެއްގެ ބައްޕަގެ ކޮއްކޮ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށް އެ ސްކޫލްގައި ކިޔަވާ ބައެއް ކުދިންނަށް އެ ކުއްޖާ ކިޔާދީފައިވާ ކަމަށެވެ. އެކަމަކު އެ މީހުން ގުޅިފައި ތިބީ ބާރުގަދަ ބަޔަކާ ކަމަށާއި އެ މީހުނާ މެދު ފިޔަވަޅު އެޅިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލްގައި އުޅޭ ކުޑަ އަންހެން ކުއްޖަކު އެބަ ކިޔައިދޭ، އޭނާގެ ސްކޫލްގައި އުޅޭ ކުދިންނަށް، ތިމަންނަގެ ބައްޕަގެ ކޮއްކޮ އެބަ ތިމަންނައަށް ޖިންސީ ގޯނާ އެބަ ކުރެއޭ. އެހެން ނަމަވެސް އެ ބައްޕަށް ނެތް އެ ކޮއްކޮ ދޫކޮށްލެވޭކަށް. އެ ބައްޕަގެ ވިޔަފާރި އެ ކޮއްކޮ ކުރަމުން މި ދަނީ. މި މީހުން ތިބީ ވެސް ވަރަށް ވަރުގަދަ ކޮޅުތަކާ ގުޅިފައި." މެންބަރު ނަސީރު ވިދާޅުވި އެވެ.

މެންބަރު ނަސީރުގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މައްސަލަތަކުގެ މައުލޫމާތު ހޯދަން އެ ރަށުގެ ކަމާ ބެހޭ މުއައްސަސާތަކަށް ސިޓީއެއް ފޮނުވަން މަޖިލީހުގެ އަމީންއާންމު އަރިހުގައި ދަންނަވާ ކަމަށެވެ. އެ ގޮތުން ރަށު ކައުންސިލްގެ ރައީސް އާއި، ކޯޓުގެ މެޖިސްޓްރޭޓް، އަދި ސްކޫލްގެ ޕްރިންސިޕަލްއަށް ސިޓީ ފޮނުވަން ނަޝީދު އެންގެވި އެވެ.

ނަޝީދު އެންމެ ފުރަތަމަ ވިދާޅުވީ ތުލުސްދޫގެ ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވަން އަންގަވާ ކަމަށެވެ. މެންބަރު ނަސީރު ވަކި ރަށެއް އޭރު ވިދާޅެއް ނުވެ އެވެ. ނަމަވެސް ފަހުން ނިޒާމީ ނުކުތާއެއް ނަންގަވައި، އޭނާ ފާހަގަ ކުރެއްވީ ތުލުސްދޫ ނޫން ކަމަށާއި ދިއްފުށީގައި ހިނގަމުންދާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.