ދިއްފުށި

މައްސަލަ ހުށަހެޅުމަށް ފަހު މެންބަރުގެ ހަބަރެއް ނުވި

ކ. ދިއްފުއްޓަށް ދިމާވެފައިވާ އުދަ އެރުމުގެ މައްސަލަ ހައްލު ކުރަން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު މެމްބަރުގެ ހަބަރެއް ނުވެގެން މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

އޮންލައިންކޮށް މިިއަދު ކުރިއަށް ގެންދިޔަ ޖަލްސާގައި ނަސީމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަނަ ފެންނަ ކަމަށް 21 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް 11 މެމްބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ހަތް މެމްބަރަކު ވޯޓު ނުދެއްވަ އެވެ.

މައްސަލަ ބަލައިގަތުމަށް ފަހު ބަހުސަށް ހުޅުވާލައި އެންމެ ފުރަތަމަ ފުރުސަތު ދިނީ ނަސީމަށެވެ. ނަމަވެސް ނަސީމްގެ ހަބަރެއް ނުވި އެވެ. މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދެން މަސައްކަތް ކުރެއްވީ އިދާރީ މޭޒުވެރިކޮށް ފޯނުން ގުޅައިގެން ނަސީމަށް ފުރުސަތު ދޭށެވެ. ނަމަވެސް ފޯނުން ވެސް ނަސީމާ ގުޅޭ ގޮތް ނުވި ކަމަށް އީވާ ވިދާޅުވި އެވެ.

ނަސީމްގެ ހަބަރެއް ނުވުމުން އޭނާ ހުށަހެޅުއްވި މައްސަލަ އެވަގުތު ބަހުސް ކުރެވޭ ގޮތެއް ނުވި އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނަސީމް ވިދާޅުވީ ޒަމާނުއްސުރެ މޫސުމީ ގޮތުން އަހަރުގެ ކޮންވެސް ހިސާބެއްގައި ދިއްފުއްޓަށް އުދައަރަމުން ދާ ކަމަށެވެ. އަދި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ކާރިސާގައި ދިއްފުއްޓަށް އެރި ލޮނުގަނޑު ފައިބައިގެން ދިޔުމާއެކު ރަށުގެ ހުޅަނގު ފަރާތުގެ އަތިރިމަތީގެ ފަސްގަނޑު އާދަޔާ ހިލާފަށް ތިރިވެ ކުރިއަށްވުރެ ބޮޑަށް އުދަ އެރުމުގެ މައްސަލަ ދިމާވެފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ދިއްފުށި ކައިރިން ހިއްކައިގެން އިތުރު ރަށްތަކެއް ތަރައްގީ ކުރަން ފެށި ފަހުން އުދަ އެރުން އިންތިހާއަށް ބޮޑުވެގެން ދިޔަ ކަމަށް ނަސީމް ވިދާޅުވި އެވެ.

ނަސީމްގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ފާއިތުވި ތިން ހަފްތާގައި މެދުކެނޑުމެއްނެތި އުދަ އެރުމާއި އަދި ހާއްސަކޮށް ނިމިގެން ދިޔަ ހަފްތާގައި އުދަ އެރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވުމެވެ.

"ދުވާލުގެ ބާރަ ގަޑިއިރުގެ ތެރެއިން ގާތްގަނޑަކަށް ހައެއްކަ ގަޑިއިރު ވަންދެން 80 ޕަސެންޓް އޮތީ ފެނު އަޑީގައިކަން ފާހަގަކޮށް މިކަމަކީ މިހާރުން މިހާރަށް ވަގުތުން ވަގުތަށް އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަން ދިއްފުށީގެ ރައްޔިތުން ދެކޭ" ނަސީމް ވިދާޅުވި އެވެ.

އެހެން ކަމުން ނަސީމް އެދިވަޑައިގެންނެވި ވީ އެންމެ އަވަހަކަށް ދިއްފުއްޓަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށެވެ.