އުދަ އެރުން

ތިނަދޫއަށް އުދަ އެރުމުން މަޖިލީހަށް ކުއްލި މައްސަލައެއް

މޫސުން ގޯސްވެ، ބޮޑު ދިޔައިގައި ގދ. ތިނަދޫއަށް މިދިއަ އާދީއްތަ ދުވަހު ވަރަށް ބޮޑަށް އުދަ އަރާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް އެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައި ބަހުސް ފަށައިފި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ތިނަދުއަށް ވަރަށް ބޮޑަށް އުދަ އަރާފައިވާއިރު، ވިއްސާރަގައި އެ ރަށަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ރަށަށް ހިދުމަތް ހޯދަން އަންނަ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި އެތައް ދައްޗެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ވިއްސާރާގައި ތިނަދުއަށް ލިބޭ ގެއްލުންތަކަށް ދާއިމީ ހައްލެއް ނުގެނެވިއްޖެނަމަ ރައްޔިތުންނަށް އިތުރު ތަކުލީފުތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިމަތިވަމުންދާނެ ކަމަށް ސަނީފް ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ސަމާލު ކަމަށް ގެނެސް، ވީހާ ވެސް އަވަހަކަށް ދާއިމީ ހައްލެއް ހޯދައިދޭން ގޮވާލައްވާ ކަމަށް ވިދާޅުވި އެވެ.

މި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 37 މެންބަރުންގެ ވޯޓުންނެވެ. ތަޅުމަށް ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ތިނަދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު އެ ރަށަށް އުދަ އަރައި، ރަށުގެ ޖެޓީ ސަރަހައްދުގައި ހުރި ރެސްޓޯރަންޓުތަކާއި ފިހާރަތަކާ ހިސާބަށް އުދައިގެ އަސަރު ވަނީ ކޮށްފަ އެވެ. ނަމަވެސް މީހަކަށް އަދި އިމާރާތްތަކާއި ތަކެއްޗަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެއީ އެހާ ބޮޑަށް އުދަ އެރި ފުރަތަމަ ފަހަރު ކަމަށެވެ.