ހަބަރު

ގދ. ތިނަދޫއަށް އުދަ އަރައިފި

ގދ. ތިނަދޫއަށް އުދަ އަރައި ބައެއް ސަރަހައްދުތަކުގައި ދިޔަ ބޮޑުވެއްޖެ އެވެ.

ތިނަދޫ ކައުންސިލުގެ އިދާރާއިން ބުނި ގޮތުގައި، މިއަދު މެންދުރުން ފަށައިގެން އެ ރަށަށް އުދައިގެ އަސަރު ކުރަމުން ދެ އެވެ. އަދި ބުނީ އެ ރަށުގެ ޖެޓީ ސަރަހައްދުގައި ހުރި ރެސްޓޯރަންޓުތަކާއި ފިހާރަތަކާ ހިސާބަށް ވެސް އުދައިގެ އަސަރު ކޮށްފަައިވާ ކަމަށެވެ.

އެ ރަށަށް އުދަ އެރި ނަމަވެސް މީހަކަށް ވެސް އަދި އިމާރާތްތަކާއި ތަކެއްޗަށް ވެސް ގެއްލުމެއް ނުވެ އެވެ.

"ތާރު އަޅާފަައި އޮތް މަގެއް ވީމަ ވަރަށް ބޮޑަށް ފެންގަނޑު ހެދިފައި އޮތީ، ޕޭމަންޓުތައް އުސްކޮށް ހުރީމައި އެއްވެސް ވަރަކަށް އެތެރެއަށް ފެނެެއް ނުވަދޭ. އެކަމަކު މިހާރުވެސް ވެލިބަސްތާތައް ޖައްސަމުން މިދަނީ" ކައުންސިލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުދައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ހިނގާބިނގާވެ އުޅެން ދަތިވި ކަމަށާއި މިއީ މިހާ ބޮޑަށް އުދަ އެރި ފުރަތަމަ ފަހަރު ކަމަށެވެ.