ދުނިޔެ

ޖާސޫސްކުރި މައްސަލާގައި ޖަރުމަން ހިމޭނުން

ޑެންމާކް އިންޓެލިޖެންސުން އެމެރިކާއަށް ޖާސޫސް ކޮށްދިން ކަމަށް އެ ގައުމުގެ ރޭޑިއޯއިން ބުނެފި އެވެ. ޑެންމާކު ރޭޑިއޯއިން ބުނީ އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް ފާރަލައި އެމެރިކާގެ ނޭޝަނަލް ސެކިޔުރިޓީ އޭޖެންސީ (އެންއެސްއޭ) އަށް ޖާސޫސް ކޮށްދިނުމުގައި ޑެންމާކު އިންޓެލިޖެންސުން ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލްގެ ފޯންކޯލްތައް ވެސް އަޑުއަހާފައިވާ ކަމަށެވެ.

ޔޫރަޕްގެ ވެރިންނާއި ސިޔާސީ ލީޑަރުންނަށް ޖާސޫސް ކުރިކަން ފަޅާއަރައި މީޑިއާގައި ފެތުރިގަތުމާ ގުޅިގެން، ޖަރުމަނުން އަދި ވެސް ޑެންމާކް އިންޓެލިޖެންސާ ގުޅިގެން ދިފާއީ މަސައްކަތް ތަކުގައި ހަރަކާތްތެރި ވާނަންތޯ ސުވާލު ކުރުމުން އެކައްޗެކޭ ވެސް ނުބުނެ އެވެ. މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި މައުލޫއަށް ވާހަކަ ދެއްކުމަކީ ޖަރުމަންގެ ކެބިނެޓަށް ފަސޭހަ ކަމަކަށް މިވަގުތު ނުވާނެ އެވެ. ޖަރުމަނުން ވަނީ މީޑީއާ އައުޓްލެޓްތަކަށް މައުލޫމާތު ދޭން އިންކާރު ކޮށްފަ އެވެ.

ނޫސްތައް ބުނާ ގޮތުން މިކަމުގެ ދޮގު ތެދު އޮޅުން ފިލުވުމަށްޓަކައި ޖަރުމަނުން އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް އެބަ ކުރެ އެވެ. ޔޫރަޕް ގައުމުތަކާ މުއާމަލާތްކޮށް މިކަމުގައި ޖަރުމަނުން އަމަލު ކުރާނެ ގޮތް އާންމު ކުރާނެ ކަމަށް ބެލެވެ އެވެ.

ޑެންމާކު ރޭޑިއޯއިން ބުނީ ޖާސޫސީ މައުލޫމާތު ހޯދުމަށްޓަކައި އެންއެސްއޭއިން ޑެންމާކު އިންޓެލިޖެންސާ ގުޅިގެން މަސައްކަތްތަކެއް ކުރި ކަމަށެވެ. އެ ގޮތުން އެންއެސްއޭއިން ޖާސޫސީ މައުލޫމާތު ހޯދަން މަސައްކަތް ކުރީ 2014 އާއި 2021 އާ ދެމެދު ކަމަށާއި ސްވީޑަނާއި ނޯވޭ އަދި ޖަރުމަންގެ ވެރިންނާއި ސިޔާސީ ލީޑަރުންނަށް ފާރަލައި ފަތިފުށް ހޯދާފައިވާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުން ބުނަނީ މިކަމާ މެދު ސީރިއަސްކޮށް ވިސްނާނެ ކަމަށާއި ޔޫރަޕްގެ އިއްތިހާދުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި ބުނީ މިކަން ގުޅިފައި ވަނީ ގައުމުތަކެއް ސިއްރު މުއާމަލާތްތަކަކާ ކަމަށާއި ދެކޮޅު ބަލާފައި ބަޔާނެއް ނެރޭނެ ކަމަށެވެ.