ގަތަރު އެއާވޭސް އާއި އޮމާން އެއާއިން ގުޅިގެން ދަތުރު ކުރަން ކޯޑް ޝެއާ އެގްރީމެންޓެއް ގާއިމްކޮށް އިތުރު މަންޒިލް ތަކަށް ފުޅާ ކުރަން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
މެދުއިރުމަތީގައި އެންމެ ފުޅާކޮށް ދަތުރުތައް ބާއްވާ ދެ އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އާއި އޮމާން އެއާއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކޯޑްޝެއާ އެގްރީމެންޓަކަށް ދާން ދައްކަން ފެށި ވާހަކަތައް ކާމިޔާބުވިކަން ދުނިޔޭގެ އެންމެ މަޝްހޫރު އެއާލައިންއިން އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ.
ކޯޑްޝެއާ އެގްރީމެންޓަކީ ދެ އެއާލައިންގެ ގޮނޑިތައް އެއް އެއާލައިނަށް ވިއްކުމުގެ މަގު ފަހިވެގެންދާ ގޮތަށް ހަދާ އެއްބަސްވުމެކެވެ.
ރާއްޖޭގެ ޓޫރިޒަމަށްވެސް ފައިދާ ކުރާނެ މި އެއްބަސްވުން ގާއިމް ކުރިކަން އިއުލާނު ކުރުމުގެ ގޮތުން. ދެ އެއާލައިން އިން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯޑްޝެއާ އެގްރީމެންޓުގެ ސަބަބުން ދެ އެއާލައިން އަށް ފައިދާވެ، އުދުހުންތައް އާ މަންޒިލްތަކަށް ފުޅާވެގެންދާނެ އެވެ.
ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވުމުގެ ފަހުން އެންމެ ފުރަތަމަ ޖެއްސި ގަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް އަކްބަރު ވިދާޅުވީ ކޯޑްޝެއާގެ ސަބަބުން ގޮންޖެހުން ބޮޑު މިވަގުތު ފަސިންޖަރުންނަށް ފްލެކްސިބަލްކޮށް ދަތުރު ކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
އޮމާން އެއާގެ ޗީފް އެގްޒެކެޓިވް އަބްދުލް އަޒީރު އަލް ރައިސީ ވިދާޅުވި ގޮތުގައި މި ގުޅުމުގެ ސަބަބުން ފަސިންޖަރުންނަށް ލިބިގެންދާން އެންމެ ބޮޑު ފައިދާއަކީ ފަސޭހައިން ދަތުރު ކޮށްލޭނެ ފުރުސަތުތަކެއް ފަހިވެގެން ދިއުމެވެ.
ދެ އެއާލައިންގެ ދެމެދުގައި އުފެދުނު މި އާ ގުޅުމާއެކު މެދުއިރުމަތިން ޔޫރަޕުގެ އިތުރު 16 މަންޒިލަތަކަށް ހިދުމަތް ފުޅާވެގެންދާނެ އެވެ. މީގެ ސަބަބުން ރާއްޖެއަށް ވެސް ފައިދާ ވެގެންދާނެ އެވެ.
ގަތަރު އެއާވޭސް އިން މިހާރުވެސް 130 މަންޒިލަކަށް ހަފުތާއަކު 1200 ފްލައިޓް ބާއްވަ އެވެ. އަދި އެއާލައިން އިން މަސައްކަތް ކުރަމުން ގެންދަނީ މި އަހަރު ނިމެންވާއިރަށް މި އަދަދު 140 އަށް އިތުރު ކުރާށެވެ.