އައިލެންޑް އޭވިއޭޝަން

ފްލައިން ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަނީ

ފްލައިން ސުކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިއުލާނު ކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ބުނެފައި ވަނީ މާލީ ގޮތުން ގާބިލު ފަރާތަކާއި އަދި ފްލައިން ސްކޫލެއް ހިންގުމުގެ ތަޖުރިބާ ހުރި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެފަރާތްތައް ވާން ޖެހޭނީ ގައުމުން ބޭރުގައި އެފަދަ ދެ ސްކޫލެއް ފެށުމުގެ ގާބިލުކަން ހުންނަ ފަރާތްތަކަކަށް ކަމަށް އެ ކުންފުނިން ފާހަގަ ކޮށްފައިވެ އެވެ.

އަދި ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަ ކޮށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏެއްގައި ކަމަށާއި އެތަން ހިންގާނީ މިނިވަންކަމާއެކު ކަމަށް ބުނެ އެވެ.

ސްކޫލް ހިންގާ ފަރާތުން އެއާކްރާފްޓް ހޭންގަރަކާއި ޓްރެއިނިން ބިލްޑިންގު އަދި ދެ މަލްޓި އިންޖީންއާއި ހަތަރު ސިންގަލް އިންޖިން އެއާކްރާފްޓް ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޝަރުތުތައް ހަމަވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވައިލާފަ އެވެ.

ފްލައިން ސުކޫލެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައި މިވަނީ އައްޑޫ ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެން ދާ މައްސަލަތައް ބޮޑުވެފައި ވަނިކޮށެވެ. ހާއްސަކޮށް ގިނަ ދަރިވަރުން ލޯން ނަގައިގެން ކިޔަވަމުން ދާތީ އެ ދަރިވަރުންގެ ޝަކުވާ ވަރަށް ބޮޑެވެ. އަދި ދަރިވަރުންގެ ކިޔެވުން ކޮންމެވެސް އެހެންގޮތަކުން ހަމަޖައްސައި ދިނުމަށް ކެނޑިނޭޅި ދަރިވަރުން ދަނީ އެދެމުން ނެވެ.

އެ ސުކޫލުގައި މިވަގުތު ބޭނުން ކުރެވޭ އެއްވެސް ބޯޓެއް ނެތް ކަމަށް ވެސް ދަރިވަރުން ވަނީ ބުނެފަ އެވެ.

އޭއޭއޭގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައާ ބެހޭ ކޮމިޓީއަށް މިނިސްޓަރު ނަހުލާ އާއި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އިއްޔެ ވަނީ ހާޒިރުކޮށްފަ އެވެ. އެ ބައްދަލްވުމުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ފްލައިން ސުކޫލުގެ މައްސަލައަށް އޮތް ހައްލަކީ އެހެން ސުކޫލެއް އުފެއްދުން ކަމަށެވެ.