މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ފޮރިން އޮޕަރޭޓާސް ގަވައިދު އޮތީ ފަހު މަރުހަލާގައި: މިނިސްޓަރު

ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ބައިނަލްއަގްވާމީ އެއާލައިންތައް ރެގިއުލޭޓް ކުރަން "ފޮރިން އޮޕަރޭޓާސް" ގެ ނަމުގައި ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބެެއް މެދުވެރިކޮށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އޮޕަރޭޓް ކުރާ ބައިނަލްއަގުވާމީ އެއާލައިންތައް އެއްހަމައެއްގައި އަދި ދެފުށް ފެންނަ އުސޫލުގެ ތެރެއިން ރެގިއުލޭޓް ކުރަން ކުރާ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް "ފޮރިން އޮޕަރޭޓާސް" ގެ ނަމުގައި ގަވައިދެއް އެކުލަވައިލަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ވަނީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ފުޅާ ކުރުމަށާއި އިތުރަށް ތަރައްގީ ކުރުމަށް ރާއްޖޭގެ އެއާލައިންތަކުގެ ހަރަކާތްތައް އިތުރު ކުރުމާއި އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް މި އަހަރުވެސް ކުރިއަށް ގެންދިޔަ ކަމަށާއި އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ތިން އެއާލައިނަކަށް ދިނުމާއެކު ވީއައިއޭގެ އޭޕްރަންއަށް މުޅިން އަލަށް ބައިތަކެއް އިތުރުކޮށް ބޭނުން ކުރަން ފެށުމާއި ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މަދަނީ ވައިގެ ދަތުރުފަތުގެ ދާއިރާ ކުރިއަރުވަން ހެލިކޮޕްޓަރު އޮޕަރޭޝަންތަކަން ހުއްދަ ދޭން ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.