މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އިތުރުކުރަނީ

އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ބްރިޓިޝް އެއާވޭސްގެ ރާއްޖޭގެ ދަތުރުތައް މެދުނުކެނޑޭ ގޮތަށް ކުރިއަށް ގެންދަން ނިންމާ، ފްލައިޓް އިތުުރުކުރަން ނިންމައިފި އެެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް މިހާރު ދަތުރުކުރަނީ ހަމައެކަނި ފިނި މޫސުމުގައި ހަފްތާ އަކު ފްލައިޓެކެވެ.

ބްރިޓިޝް އެއާވޭސް އިން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ހޫނު މޫސުމުގައިވެސް މެދުކެނޑުމެއް ނެތި ރާއްޖޭގެ ދަތުރުތައް ކުރިއަށް ގެންދާށެވެ.

އޭޕްރިލް މަހުން ފެށިގެން ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ހަފްތާއަކު ތިން ފްލައިޓް ބާއްވަން ހަމަޖެހިފައިވެ އެވެ. ނަމަވެސް ދަތުރުތައް ކުރާނެ ވަކި ދުވަސްތަކެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮވިޑް 19ގެ ނުރައްކަލާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުން ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓިގެން ދިޔައެވެ. އެއައްފަހު ބްރިޓިޝް އެއާވޭސްގެ ރާއްޖޭގެ ދަތުރުތައް އަލުން ފަށަން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ރާއްޖެއަށް ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު އެވެ.