މުހައްމަދު އަމީން

ކޫއްޑޫ އެއާޕޯޓް ވަރަށް އަވަހަށް ހުޅުވާނަން: އަމީން

ކޫއްޑޫ އެއާޕޯޓް ވަރަށް އަވަހަށް އަލުން އޮޕަރޭޝަނަށް ގެނެވޭނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ކޫއްޑޫ އެއާޕޯޓަށް ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ކުރަމުން ދިޔަ ދަތުރުތައް މިވަގުތު ވަނީ މެދުކަނޑާލާފަ އެވެ. އެއީ ކޫއްޑޫ އެއާޕޯޓްގެ ރަންވޭ ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ކުރަންޖެހިފައިވާތީ އެވެ.

މިނިސްޓަރު އަމީންވެސް މިއަދު ވިދާޅުވީ މޯލްޑިވިއަން އިން ކޫއްޑޫއަށް ކުރަމުން ދިޔަ ދަތުރުތައް ހުއްޓާލަން ނިންމީ ދިގު މުއްދަތަކަށް އެއާޕޯޓް މަރާމަތު ނުކުރެވި އަދި ރަންވޭގެ އޮތް ހާލަތުގެ ސަބަބުން ދެ ބޯޓަކަށް ގެއްލުން ލިބުމާ ގުޅިގެންނެވެ.

މިނިސްޓްރީގެ އިސް ނެގުމާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއާޕޯޓް އޮޕަރޭޓަރާ އަދި ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވޭނެ،" އަމީން ވިދާޅުވި އެވެ.

ދެހާސް ބާރަވަނަ އަހަރުގެ ތެރޭގައި ކޫއްޑޫ އެންމެ ފުރަތަމަ ހުޅުވިއިރު އެއީ ޑޮމެސްޓިކް އެއާޕޯޓެކެވެ. ނަމަވެސް އެއާޕޯޓަށް ޖެޓް ޖެއްސޭ ގޮތަށް ރަންވޭ ބޮޑުކޮށް އިތުރަށް ތަރައްގީކޮށް ކޫއްޑޫ އެއާޕޯޓް އަލުން ހުޅުވީ 2017 ވަނަ އަހަރު އެވެ.