ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި އެއާލައިންތަކަށް ދޭ ހިދުމަތްތަކުން ދިވެހި ކުންފުނިތަކަށް ލިބޭ ފައިދާ އިތުރުވާ ގޮތަށް އުސޫލުތައް ބަދަލުކުރައްވާނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެ އަންނަ ޖެޓްތަކާއި އެއާލައިންތަކުގެ ބޯޓުތަކަށް ހޭންޑްލިން ހިދުމަތް ދިނުމަށް ދިވެހި ކުންފުނިތަކެއް ނަމެއްގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް އެ ހިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ބޭރުގެ ކުންފުނިތަކަކަށް ލިބޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
އަމީން ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ހިނގާ މުއާމަލާތްތަކެއްގެ ހަގީގީ ފައިދާ ދިވެހިންނަށް ނުލިބި ބޭރުގެ ބަޔަކަށް ލިބުމަކީ ގަބޫލުކުރައްވާ ގޮތެއް ނޫން ކަމަށެވެ. އެހެން ޖެޓާއި އެއާލައިން ވިޔަފާރީގެ ހަގީގީ ފައިދާ ދިވެހިންނަށް ލިބޭ ގޮތަށް އުސޫލުތައް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"[އެއީ] ދިވެހި ކުންފުނިތަކަށް އޭގެ ފުރިހަމަ ގޮތުގައި ލިބެންވާނެ މަންފާއެއް،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އަންނަ ޖެޓްތަކާއި އެއާލައިންތަކުގެ ބޯޓުތަކަށް ހިދުމަތް ދީގެން ލިބޭ ފައިދާގެ ސަތޭކަ ޕަސަންޓް ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ގެންނަ ބަދަލުތަކަށް އަންނަ އަހަރުގެ ތެރޭގައި އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި ދިވެހިންނަށް ފައިދާ ލިބެން އޮތް ކަމެއްގައި ދިވެހި މީހާ ހަމައެކަނި ވިޔަފާރި ނަމެއްގެ ގޮތުގައި ހުރެގެން ބޭރު މީހަކަށް ފައިދާގެ ބޮޑު ބައި ލިބޭ ގޮތަށް އަމަލުނުކުރުމަށްވެސް އަމީން އެދިވަޑައިގެންނެވި އެވެ.
އަމީން އިތުރަށް ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށްޓަކައި ކުންފުނިތައް އޮޑިޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހިދުމަތްތައް ދޭ ކުންފުނިތަކުގެ މަސައްކަތްތައް ބަލައި މޮނިޓާ ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މި ބަދަލާއެކު އަޅުގަނޑުމެންނަށް ލިބޭ ފައިދާ އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ،" އަމީން ވިދާޅުވި އެެވެ.