ގަން އިންޓަނޭޝަނަލް އެއާޕޯޓް

ފްލައިން ސްކޫލް ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި

އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިން ހިންގަން ނިންމާފައިވާ ފްލައިން ސްކޫލު އައްޑޫ ސިޓީގެ ގަމުގައި ހިންގުމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގަން އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖޮއިންޓް ވެންޗާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އައްޑޫ ސިޓީގެ މެޔަރު އަލީ ނިޒާރުގެ އިތުރުން އެންއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެއްބަސްވުމުގެ ދަށުން ގަން އެއާޕޯޓްގައި ހުރި ހެނގަރާއި އޮފީސް އިމާރާތެއް ޓްރެއިނިން ސްކޫލްގެ ބޭނުމަށް ކުއްޔަށް ހިފާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ. އަދި ފްލައިން ސްކޫލްގެ ކިޔެވުން މިއަހަރު ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ފްލައިން ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑިފައިވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައިވާ ކަމަށާއި ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް ސްކޫލުގައި ހިންގާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލު ހިންގަން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.

އައިލެންޑް އޭވިއޭޝަން ސާވިސްއާއި އެމްއެންޔޫއާ ގުޅިގެން އުފެއްދި ކުންފުނިން ހަދާފައިވާ ފްލައިން ސްކޫލު ހިންގުމަށް ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" ވަނީ ހަވާލުކޮށްފަ އެވެ. ފްލައިން އެކަޑަމީ އަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކްލާސްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ގައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމާފަ އެވެ.

އޭއޭއޭ އައިގެ 178 ދަރިވަރުންނަށް ތަފާތު މައްސަލަތައް ކުރިމަތިވެ ކިޔެވުން މެދުކެނޑިފައި އޮންނަތާ އެތައް މަހެއް ވަނީ ވެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިމަހުގެ 10 ވަނަ ދުވަހު ވަނީ އޭއޭއޭގެ ދަރިވަރުންނާ ބައްދަލުކުރައްވާ ޑިސެމްބަރުގައި ދަރިވަރުންގެ ކިޔެވުން ފެށޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.