ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި ކިޔަވަމުންދާ ދަރިވަރުންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ އުދުހުންތައް މިއަދު ފަށައިފި އެވެ.
އުދުހުމުގެ ގަޑިތައް ފުރިހަމަކުރަން ފުރަތަމަ ބުރުގައި ފުރުސަތު ދިނުމަށް ނިންމާފައިވަނީ ފުރަތަމަ ފްރެޝާ ތިއަރީ ކްލާސްތަކުގެ 150 ގަޑިއިރު ފުރިހަމަ ކޮށްފައިވާ 35 ދަރިވަރަކަށެވެ. އެގޮތުން މިއަދުވެސް ހަ ދަރިވަރަކު އުދުހުމުގެ ގަޑިތައް ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ.
ފުރަތަމަ ބެޗުގެ ދަރިވަރުންނަށް އުދުހުމުގެ ފުރުސަތު ދީފައިވާއިރު މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ދެވަނަ ބެޗްގައި 39 ދަރިވަރުން މިހާރު ވަނީ ރިފްރެޝާ ޕްރޮގްރާމް ފަށާފަ އެވެ. ފުރަތަމަ ބެޗްގެ އުދުހުންތައް ނިމެމުންދާ ވަރަކުން ދެވަނަ ބެޗްގެ ދަރިވަރުންނަށް އުދުހުމުގެ ފުރުސަތު ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.
އައިލެންޑް އޭވިއޭޝަނުން މަސައްކަތް ކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން 74 ދަރިިވަރުންގެ އުދުހުމުގެ ގަޑިތައް ފުރިހަމަކުރުމަށްފަހު އިތުރު ބެޗެއްގެ ކިޔެވުން ވެސް މިއަހަރު ފެށުމަށެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ފުރަތަމަ ބެޗުގައި ހިމެނޭ ގިނަ ދަރިވަރުންނަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގި އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ)ގައި ކިޔަވަމުން ދިޔަ ދަރިވަރުންނެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އެ ދަރިވަރުންނަށް އުދުހުމުގެ ގަޑިތައް ފުރިހަމަ ނުކުރެވި ދިމާވަމުންދިޔަ އެތައް މައްސަލަތަކަކަށްފަހު ސަރުކާރުން ވަނީ މިދިޔަ ޖުލައި 31 އަށް އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުން އާނުކޮށް އޭއޭއޭ ގަމުން ބޭރުކޮށްފަ އެވެ.
އޭގެފަހުން ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހެދި މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ރަސްމީކޮށް އިފްތިތާހުކުރީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ. މި އެކަޑެމީގެ ކިޔެވުން ފެށީ މިއަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގުމަށް ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" ވަނީ ހަވާލުކޮށްފަ އެވެ. ފްލައިން އެކަޑަމީ އަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ދަރިވަރުންގެ އިންހައުސް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ގައެވެ. މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ގަމުގަ އެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ކިޔެވުން ފެށިއިރު އެ ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑިފައިވާ ދަރިވަރުންނަށް އިސްކަންދީފައިވެ އެވެ. އަދި ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް ސްކޫލުގައި ހިންގުމަށް ނިންމާފައިވެ އެވެ. މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވެ އެވެ.