އައްޑޫގައި ހިންގާ ފްލައިން ސްކޫލް -- މޯލްޑިވްސް އޭވިއޭޝަން އެކެޑަމީ އަށް މިމަހު އިތުރު ތިން ބޯޓު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ އެއް ޕާޓްނަރު އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ ތިން ބޯޓު ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ޝެޑިއުލާ އެއްގޮތަށް ހުރިހާ ކަމެއްދާނަމަ މިމަހުގެ 29 ވަނަ ދުވަހަށް ތިން ބޯޓު ވެސް ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީންކަން ޖެނިފާ ވަނީ ދެއްވާފަ އެވެ.
"ހަނގުރާމައެއް ހިނގަމުންދާތީ ދުނިޔޭގެ ވައިގެ އަދި ކަނޑުދަތުރުތަކަށް މިދަނީ އަވަސް ބަދަލުތަކެއް އަންނަމުން. އެކަހަލަ ކަމެއްގެ ތެރެއިން މައްސަލަ ނުޖެހިއްޖެނަމަ ބޯޓުތައް މިހާރު މިއޮތް ތާރީހަށް ގެނެވޭނެ،" ޖެނިފާ ވިދާޅުވި އެވެ.
މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ފުރަތަމަ ބޯޓު އިއްޔެ ވަނީ އައްޑޫ އަށް ގެންގޮސްފަ އެވެ. މީގެއިތުރުން އައްޑޫގައި ގަން އިންޓަނޭޝަނަލް އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިން ފްލައިން ސްކޫލު ހިންގި އެކެޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އިން ބޭނުންކުރި ދެ ބޯޓެއްވެސް މޯލްޑިވްސް އޭވިއޭޝަން އެކެޑަމީ އަށް ވަނީ ގަނެފަ އެވެ.
ޕައިލެޓުން ތަމްރީނު ކުރުމަށް އައިއޭއެސް އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ކިޔެވުން މިދިޔަ ޖެނުއަރީ 10 ވަނަ ދުވަހު ވަނީ ފަށާފަ އެވެ.
ފްލައިން ސްކޫލުގެ ރިފްރެޝާ ޕްރޮގްރާމުގެ ފުރަތަމަ ބެޗްގެ ކިޔެވުން 35 ދަރިވަރުންނާ އެކު ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ. ފްލައިން ސްކޫލުގެ ކިޔެވުން ފެށިއިރު އެ ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑިފައިވާ ދަރިވަރުންނަށް އިސްކަންދީފައިވެ އެވެ. އަދި ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް ސްކޫލުގައި ހިންގުމަށް ނިންމާފައިވެ އެވެ.
ރިފްރެޝާ ޕްރޮގްރާމުގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި 10 ގަޑިއިރުގެ ފްލައިން ކުރިއަށް ގެންދާނެ އެވެ. ތިއަރީ ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މެންފުރު ފަހު 1:00 އިން އިރުއޮއްސި 6:00 އަށެވެ.
ތިއަރީ ބައިތައް ކުރިއަށް ގެންދާނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަހުގަ އެވެ. ފްލައިން ކުރިއަށް ގެންދާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ. ފްލައިންގެ ބައި ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. ޖެނިފާ ވިދާޅުވި ގޮތުގައި އެ ދުވަހު ފްލައިންގެ ބައި ފެށޭނެ އެވެ. ނަމަވެސް ކަމެއް ދިމާވެގެން ލަސްވުމެއް އަޔަސް އެއީ މާދިގު މުއްދަތެއްގެ ލަސްވުމަކަށް ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ފްލައިން ސްކޫލު ހިންގާނީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" އެވެ. ފްލައިން ސްކޫލުގައި އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވެ އެވެ.