އައްޑޫ ފްލައިން ސްކޫލް

ފްލައިން ސްކޫލަށް މުވައްޒަފުން ހޯދަނީ

Dec 26, 2021

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގުޅިގެން އުފައްދާފައިވާ ފްލައިން ސްކޫލަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފައިވަނީ ހެޑް އޮފް ގަން ފްލައިން ސްކޫލުގެ މަގާމަށާއި، އެޑްމިނިސްޓްރޭޓިވް ކޯޑިނޭޓަރުގެ މަގާމުގެ އިތުރުން ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށެވެ.

މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހު 30ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ޖެހުމާ ހަމަައަށެވެ. ކަމާ ގުޅޭލިޔުންތައް އީމެއިލް ކުރަންޖެހެނީ [email protected] އަށެވެ.

އެމްއެންޔޫއާއި އައިއޭއެސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިން ސްކޫލު ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސްއާއި އެމްއެންޔޫއާ ގުޅިގެން އުފެއްދި ކުންފުނިން ހަދާފައިވާ ފްލައިން ސްކޫލު ހިންގުމަށް ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" ވަނީ ހަވާލުކޮށްފަ އެވެ. ފްލައިން އެކަޑަމީ އަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ގައެވެ.

ފްލައިން ސްކޫލުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު އެ ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑިފައިވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އަދި ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް ސްކޫލުގައި ހިންގުމަށް ނިންމާފައިވެ އެވެ. އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވާ ފްލައިން ސްކޫލުގެ ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމާފަ އެވެ.