ރާއްޖޭގައި ފްލައިން ސްކޫލު ހިންގަން ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލުކޮށްފި އެވެ.
ފްލައިން ސްކޫލުގެ ކަންކަން ރާއްޖެއިން ބަލަހައްޓާނީ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެންނެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ އެމްއެންޔޫއާ ގުޅިގެން ޑިސެމްބަރުގައި ފްލައިން ސްކޫލުގެ ކިޔެވުން ފެށޭ ވަރަށް މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.
"ކޯސްތަކަށް ވަރަށް އަވަހަށް އާންމުކޮށް ހުޅުވާލާނެ. ފުރަތަމަ އިސްކަން ދޭނީ ތަފާތު މައްސަލަތައް ކުރިމަތިވެ މިހާރު ކިޔެވުން މެދުކެނޑިފައި ތިބި ކުދިންނަށް،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކިޔެވުން އޮންނާނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސްގައި ކަމަށެވެ. އަދި ފްލައި ކުރުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމަށެވެ.
ފްލައިން އެކަޑަމީގެ ވަފްދެއް ރާއްޖެ އައިސް ފްލައިން ސްކޫލު ހިންގަން ނިންމާފައިވާ ތަނާއި ވަސީލަތްތައް ބަލައި ޗެކް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އިތުރު ބޯޓެއް އެކަމަށް ހޯދަންޖެހޭނަމަ އެކަން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމާފަ އެވެ.
އޭއޭއޭ އައިގެ 178 ދަރިވަރުންނަށް ތަފާތު މައްސަލަތައް ކުރިމަތިވެ ކިޔެވުން މެދުކެނޑިފައި އޮންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އޭއޭއޭގެ ދަރިވަރުންނާ ބައްދަލުކުރައްވާ ޑިސެމްބަރުގައި ދަރިވަރުންގެ ކިޔެވުން ފެށޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފަލައިން ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީ އަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.