އައިލެންޑް އޭވިއޭޝަން

ފްލައިން ސުކޫލު ހިންގަން 13 ކުންފުންޏަކުން ޝައުގުވެރިވޭ

Jun 17, 2021

ރާއްޖޭގައި ފްލައިން ސްކޫލް ހިންގުމަށް ހުޅުވާލުމުން 13 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ފްލައިން ސުކޫލެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ފްލައިން ސުކޫލް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި މެދުއިރުމަތި، ޔޫރަޕް، އެމެރިކާގެ އިތުރުން ރާއްޖޭގެ ކުންފުންޏެއް ވެސް ހިމެނޭ ކަމަށެވެ.

ޝައުގުވެރިކަން ފާޅުކުރި ގިނަ ކުންފުނިތަކަކީ ފްލައިން ސުކޫލް ހިންގުމުގެ ތަޖުރިބާ ވެސް ބޮޑު ކުންފުނިތަކެއް ކަން އޮފިޝަލް ވަނީ ފާހަގަކުރައްވާފަ އެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރު ގެންދަނީ ޝައުގުވެރިކަން ފާޅުކުރި 13 ކުންފުނީގެ ޕްރޮޕޯސަލް އިވެލުއޭޓް ކުރަމުންނެވެ.

އައިލެންޑް އޭވިއޭޝަނުން ފްލައިން ސުކޫލް ހިންގަން ނިންމާފައިވަނީ އެކަމަށް ހާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެންނެވެ. ފްލައިން ސުކޫލް ހިންގާނެ ވަކި އެއާޕޯޓެއް އެކުންފުނިން އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ފްލައިން ސުކޫލެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކުރީ އައްޑޫ ފްލައިން ސުކޫލްގެ ހިންގުން ދޯދިޔާވެ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެންދާ މައްސަލަތައް ބޮޑުވުމުންނެވެ. ހާއްސަކޮށް ގިނަ ދަރިވަރުން ލޯން ނަގައިގެން ކިޔަވަމުން ދާތީ އެ ދަރިވަރުންގެ ޝަކުވާ ވަރަށް ބޮޑެވެ. އަދި ދަރިވަރުންގެ ކިޔެވުން ކޮންމެވެސް އެހެން ގޮތަކުން ހަމަޖައްސައި ދިނުމަށް ކެނޑިނޭޅި ދަރިވަރުން ދަނީ އެދެމުންނެވެ.

އައްޑޫ ފްލައިން ސުކޫލުގައި މިވަގުތު ބޭނުން ކުރެވޭ އެއްވެސް ބޯޓެއް ނެތް ކަމަށްވެސް ދަރިވަރުން ވަނީ ބުނެފަ އެވެ.

އޭއޭއޭގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައާ ބެހޭ ކޮމިޓީއަށް މިނިސްޓަރު އައިޝަތު ނަހުލާ އާއި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެކުރިން ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެ އެވެ.