އައިލެންޑް އޭވިއޭޝަން

ގައުމީ އެއާލައިނުން ކޮށްފައިވާ އިއުލާނެއްގައި އޮޅުވާލުންތަކެއް!

Sep 15, 2021
5

އައިލެންޑް އޭވިއޭޝަންގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހިންގާ ސީޕްލޭން ޓާމިނަލްގައި ކެފޭއެއް ހިންގުމާއިއެކު ހުވަނދުމާ ލައުންޖަށް ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް 13 ގަޑިއިރުގެ ކުރު ވަގުތުކޮޅެއް ދީފި އެވެ.

މި އިއުލާން ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވަނީ ރޭ 10:25 ގައެވެ. އިއުލާންގައި ބުނާ ކެފޭ ހިންގުމާއި ކޭޓަރިންގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ކުރަން ފުރުސަތު ދީފައިވަނީ މެންދަމުގެ ވަގުތުތައް ވެސް ހިމެނޭ ގޮތަށް އެންމެ 13 ގަޑިއިރެވެ.

މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރުމަށް ތިން އީމެއިލް އެޑްރެސް އިއުލާންގައި ހިމަނާފައިވެ އެވެ. ޝައުގުވެރިކަން ފާޅުކުރަން ދިން ވަގުތު ހަމަވާނީ މިއަދު ހެނދުނު 11:30 ގައި ކަމަށާއި ދީފައިވާ ވަގުތުގެ ތެރޭގައި ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށްވެސް އިއުލާންގައި ބުނެފައިވެ އެވެ.

އިއުލާންގައި ޝައުގުވެރިކަން ފާޅުކުރަން މިއަދު ހެނދުނު 11:30 އަށް ހުޅުވާލާފައިވީ ނަމަވެސް އިއުލާންގައި ހިމަނާފައިވާ އިންވިޓޭޝަން ފޯ ޕްރޮޕޯސަލްގައި ޝައުގުވެރިކަން ފާޅުކުރަން އިތުރު މުއްދަތެއް ވެސް ދީފައިވެ އެވެ. އެގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ އިންވިޓޭޝަން ފޯ ޕްރޮޕޯސަލްގައި ޝައުގުވެރިކަން ފާޅުކުރަން ފުރުސަތު ދީފައިވަނީ މާދަމާ ހެނދުނު 11:30 އަށެވެ.

ކެފޭ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހެނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 2:30 ގައެވެ.

އިއުލާންގައިވާ ގޮތުން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ކެފޭ ހިންގާ ތަނާއި ކޭޓަރިންގެ ހިދުމަތް ދޭން ޖެހޭ ތަން ދައްކާލުމަށް ހަމަޖެހިފައިވެ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކަށް ކެފޭ ހިންގަން ބޮޑު ސަރަހައްދެއް ލިބޭއިރު އެ ތަނަށް އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހެ އެވެ. ނަމަވެސް ޔުޓިލިޓީ ފީއެއްގެ ގޮތުގައި ކޮންމެ މަހަކު 5،000 ރުފިޔާ ދައްކަން ޖެހެ އެވެ.

އައިލެންޑް އޭވިއޭޝަންގެ މި އިއުލާނާ ގުޅިގެން ކެފޭ ހިންގާ ބައެއް ފަރާތްތަކުން ވަނީ އެ ކުންފުންޏަށް ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން މިއީ ވަކި ބަޔަކަށް ކެފޭ ހިންގަން ތަނެއް ދިނުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ ކަމެއް ކަމަށް ބުނެފައިވެ އެވެ. ޝައުގުވެރިކަން ފާޅުކުރުމަށް ދެ ތާރީހެއް ދީފައިވާއިރު ދެ ތާރީހުގައިވާ ވަގުތުކޮޅު ވެސް ކުޑަކަމާއި އަދި ދެ ތާރީހެއް އޮތުމުން އޮޅުވާލުމެއް އުޅޭ ކަމަށްވެސް ކެފޭ ހިންގާ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.