މޯލްޑިވްސް އޭވިއޭޝަން އެކެޑަމީ

ދެ ދަރިވަރަކު ރާއްޖޭގައި ޕައިލެޓް ކޯސް ފުރިހަމަކޮށްފި

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީ [އެމްއޭއޭ]އިން ހިންގާ ޕައިލެޓް ކޯހުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކު ކޯސް ފުރިހަމަކޮށްފި އެވެ.

އެމްއޭއޭއިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އެ އެކެޑަމީގައި ކިޔަވަމުން އަންނަ ދެ ދަރިވަރަކު ކޮމާޝަލް ޕައިލެޓް ލައިސަންސް [ސީޕީއެލް] އިންޓެގްރޭޓެޑް ކޯސް ނިންމާލާފައިވާ ކަމަށެވެ.

ސީޕީއެލް އިންޓެގްރޭޓެޑް ކޯސް ފުރިހަމަ ކޮށްފައިވާ ދެ ދަރިވަރުންނަކީ އަޖުމަލް ފަރީދު އާއި ރާޔާ ރަޝީދު އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލެއް ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ތަފާތު އެތައް މައްސަލަތަކަކާ ގުޅިގެން މިސްކޫލުގެ އެއްބަސްވުން ސަރުކާރުން އާ ނުކޮށްދިނުމުން އޭއޭއޭގެ އޮޕަރޭޝަން ހުއްޓުނެވެ. އޭގެފަހުން އެތަނުގައި ކިޔަވަމުން ދިޔަ ބައެއް ދަރިވަރުން ކޯސް ނިންމަން ގުޅުނީ މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީއާ އެވެ. މި އެކަޑެމީ ހުޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެވެ. މި އެކެޑަމީ އަކީ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އުފައްދާފައިވާ އެކަޑެމީ އެކެވެ.

ފްލައިން ސްކޫލު ހިންގަނީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" އެވެ.

ފްލައިން ސްކޫލުގެ ރިފްރެޝާ ޕްރޮގްރާމުގެ ފުރަތަމަ ބެޗްގައި 35 ދަރިވަރުންނަށް ފްރުސަތު ދިނެވެ. ފްލައިން ސްކޫލުގެ ކިޔެވުން ފެށިއިރު އެ ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑުނު ދަރިވަރުންނަށް އިސްކަންދީފައި ވެއެވެ. އަދި ޕައިލެޓުން ތަމްރީނު ކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައް ވެސް ސްކޫލުގައި ހިންގުމަށް ނިންމާފައިވެ އެވެ.

ރިފްރެޝާ ޕްރޮގްރާމުގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި 10 ގަޑިއިރުގެ ފްލައިން ކުރިއަށް ގެންދިޔަ އެވެ. ތިއަރީ ކްލާސްތައް ކުރިއަށް ގެންދިޔައީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މެންފުރު ފަހު 1:00 އިން އިރުއޮއްސި 6:00 އަށެވެ. ތިއަރީ ބައިތައް ކުރިއަށް ގެންދިޔައީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަހުގަ އެވެ. ފްލައިން ކުރިއަށް ގެންދާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ.