ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުދި ފެންފުޅިއާއި ސްޓައިރަފޯމް ތަށި މަނަލެއް ނޫން

މިއަދުން ފެށިގެން އެތެރެ ކުރުން މަނާ ވާނެ ކަމަށް ކުރިން ކަނޑައަޅާފައިވާ ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ތަށްޓާއި 500 މިލިލީޓަރަށްވުރެ ކުދި ފެން ފުޅި މަނާ ނޫން ކަމަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް ނެރުއްވި ގަރާރެއްގައި ވިދާޅުވެފައި ވަނީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން މިއަދުން ފެށިގެން އެތެރެކުރުން މަނާ ބާވަތްތަކުގެ ތެރެއިން މި ދެ ބާވަތް އެތެރެ ކުރެވޭނެ ކަމަށެވެ. 500 މިލިލީޓަރަށްވުރެ ކުދި ފެން ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތައް އެތެރެކުރުން މަނާ ވާނެ ކަމަށް ވިދާލުވި އެވެ.

މި ބަދަލު ރައީސް ގެންނަވާފައި ވަނީ ކޮވިޑް-19ގެ ސަބަބުން ގައުމަށް ލިބިފައިވާ އިގްތިސާދީ ހީނަރުކަމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދަތިތަކަށް ރިއާޔަތްކޮށްފައި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މިއަދުން ފެށިގެން އެތެރެކުރުން މަނާ ތަކެތި

  • ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރުމަށް ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓް ކުރާ ސުޕާރީ
  • 250 މިލިލީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޝޭމްޕޫ އާއި ސައިބޯނި ފުޅި
  • 500 މިލިލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާ ތަކެތި (ފެން ފިޔަވައި)

ރާއްޖޭގައި އެންމެ ގިނައިން ކާއެއްޗެހި ބަންދުކުރުމަށް ބޭނުންކުރާ ސްޓައިރަފޯމް ތަށި ރާއްޖެ އެތެރެ ކުރުން މަނާ ކުރާނީ މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އަންނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން އިތުރު ދެ ބާވަތެއް އެތެރެކުރުން މަނާވާނެ އެވެ. އެއީ ބާޒާރުކުރުމަށް ބޭނުންކުރާ 50 މައިކްރޯން އަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި އެވެ.

އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާ ވާނެ އެވެ.