ކޮވިޑް-19 އަށް ޕޮޒިޓިވްވި 8 މީހަކު މިއަދު މަރުވެއްޖެ އެވެ.
ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ މަރުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އެއީ އުމުރުން 88 އަހަރުގެ ދިވެހި އަންހެނެކެވެ.
ދެން މިއަދު މަރުވެފައި ވަނީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 70 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެކެވެ.
އޭގެ އިތުރުން ބ. އޭދަފުށީ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ރ. ހުޅުދުއްފާރު އަންހެނަކުވެސް މިއަދު މަރުވެފައި ވެއެވެ. އެއީ ރ. އަތޮޅުން ކޮވިޑް ބަލީގައި މަރުވި ފުރަތަމަ މީހާ އެވެ.
އޭގެ ފަހަށް 7:55 ގައި 83 އަހަރުގެ އަންހެނަކާއި 46 އަހަރުގެ އަންހެނަކުވެސް މަރުވެފައިވެއެވެ. އެއީ ދިވެހިންނެވެ. 46 އަހަރުގެ މީހާ މަރުވެފައިވަނީ 8:11 ގައެވެ. އެމީހާއަށް ފަރުވާ ދެމުން އައީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހެގެން މަރުވި މީހުންގެ އަދަދު ވަނީ 169 އަށް އަރާފަ އެވެ.
މިދިޔަ މެއި މަހަކީ ކޮވިޑްގައި ރާއްޖެއިން ހޭދަކުރި އެންމެ ހާލަތު ގޯސް މަހެވެ. އެ މަހު އެކަނި 88 މީހަކު ވަނީ މަރުވެފައި ވެއެވެ.
މިދިއަ އޭޕްރީލް މަހާއި ހަމައަށް ކޮވިޑްގައި ހޭދަވި 13 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން މަރުވީ 73 މީހެކެވެ. ނަމަވެސް މޭ މަސް ނިމުނުއިރު ކޮވިޑް މަރުގެ ނަންބަރު ވަނީ 161 އަށް އަރާފަ އެވެ. އޭގެ މާނައަކީ މޭ މަހު އެކަނި ވެސް 88 މީހަކު އެ ބަލީގައި މަރުވެފައި ވެ އެވެ.
އޭޕްރީލް މަސް ނިމުމުނުއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 29،835 އެވެ. ނަމަވެސް 31 ދުވަހަށް ފަހު މެއި މަސް ނިމުމުއިރު އެ ނަންބަރު ވަނީ ދެ ގުނަ ވެފަ އެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 64،396 އަށް އަރާފައެވެ. އެހެން ކަމުން މޭ މަހު އެކަނި ވެސް ކޮވިޑް ޖެހުނު މީހުންގެ އަދަދު ކުރީ 13 މަހަށް ވުރެ އިތުރެވެ. ތޭރަ މަސް ދުވަހާއި މި ނިމުނު މޭ މަސް ނުބައްދަލެވެ. މޭ މަހު ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދަކީ 34،561 އެވެ.
މޭ މަހުގެ ވަރަށް ގިނަ ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރު ހުރީ 1،400 އިން މަތީގައެވެ. ހާހުން ދަށުގައި ނަންބަރު ހުރީ 10 ދުވަހު އެވެ. އޭގެ ތެރެއިން އަށް ދުވަހުގެ ނަންބަރު ހުރީ 500 އިން މަތީގަ އެވެ. 400 އިން ދަށުގައި ނަންބަރު ހުރީ އެންމެ ދެ ދުވަހު އެވެ.