ދައުލަތުގެ ބަޖެޓް

27 ބިލިއަން ރުފިޔާގެ ބަޖެޓު: ތާރީހީ ރެކޯޑެއް!

Nov 12, 2015
1

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 27 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގައި އުމްރާނީ ތަރައްގީއަށް ބޮޑު ބައެއް ހާއްސަކޮށްފި އެވެ. ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ރައްޔިތުން މަޖިލިހަށް މިއަދު ހުށަހެޅުއްވި ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 22.8 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު އަތޮޅުތަކުގައި ހިންގާ އެކި މަޝްރޫއުތަކަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ގޮތުގައި ހިންގާ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ސިއްހީ ދާއިރާއަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ޒުވާނުންގެ ތަރައްގީއަށް 378 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ މި އަހަރުގެ ބަޖެޓަކީ ތާރީހުަގައިވެސް އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވާ އަހަރު ކަމަށެވެ.

"މިއީ ދިވެހި ތާރީހުގައި ވެސް މިހާތަނަށް ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު ޖާގައެއް ދެވުނު ފަހަރު. އެވާހަކަ މި ދަންނަވަނީ ދީލަތިވަންތަ ﷲއަށް ހަމްދުކުރާ ހާލު.އުފަލާއި ހިތްހަމަޖެހުމާއެކު،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕީއެސްއައިޕީއަށް ފައިސާ ހަމަޖެއްސިއިރު، ބަލާފައިވާނީ މިހާރު ހިނގާ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.

"ބޭނުމަކީ މިހާރު ހިނގާ މަޝްރޫއުތައް އަވަހަށް ނިންމުމާއި އަލަށް ފަށާ މަޝްރޫއުތަކުން އިގުތިސޯދަަށް ކުރިއެރުން ގެނެސްދިނުން،" ޖިހާދު ވިދާޅުވި އެވެ.