ވިޔަފާރި

އަންނަ އަހަރުގެ ބަޖެޓަށް މަސީގެ ރުހުން އެބައޮތް

Nov 14, 2015
1

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 27 ބިލިއަންް ރުފިޔާގެ ބަޖެޓަށް ކޮންސްޓްރަކްޝަން ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ (މަސީ) އިން "ރުހުންދީ" މަރުހަބާ ކިޔައިފި އެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލްކުރާ ޖަމިއްޔާ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު "އަވަސް" އަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތައް އިތުރު ކުރަން ގިނަ އަދަދެއްގެ ފައިސާ ހިމަނާފައިވުމަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ސެކަންޑް ލާޖަސްޓް އިންޑަސްޓްރީ. އަންނަ އަހަރުގެ ބަޖެޓުގައި އެބައޮތް 4.3 ބިލިއަން ރުފިޔާ ކޮންސްޓްރަކްޝަން ދާއިރާގެ ޕްރޮޖެކްްޓްތަކަށް ސީދާ. އެހެންވީމަ އަޅުގަނޑުމެންނަށް ލިބެނީ ބޮޑު ހިތްހަމަޖެހުމެއް. މިހާރު އިކޮނޮމީ ހުރި ގޮތުން ސަރުކާރުން 1.5 އާއި ދެ ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގާނަމަ ކުންފުނިތަކަށް ސަސްޓެއިން ކުރެވޭނީ. އެހެންވީމަ ކެޕޭސިޓީ ހުރި ގޮތައް ބަލާއިރު 4.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްސްއަކީ ވަރަށް ހެލްތީ ފިގާއެއް. އެހެންވެ އެކަމަށް މަރުހަބާ ކިޔަން،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަޖެޓަކީ ކޮންޓްރެކްޓަރުންނަށް ލިބިގެންދާނެ އުފާވެރި ހަބަރެއް ކަމަށާއި، އެހެންކަމުން ދިވެހި ކޮންޓްރެކްޓަރުންގެ ކެޕޭސިޓީ ހުރި މިންވަރަކުން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

"ވަރަށް ޕޮޒިޓިވް ބަޖެޓެއް މިއީ. ބަޖެޓުގައި އެބައޮތް ލެގޫންސްތައް ހިއްކައިގެން ރިސޯޓު ހަދަަން. އެހެންވެ އެއީވެސް ތަފާތު ކަމެއް. މޮޑެލް ބަދަލު ކުރާ ވާހަކަ ވެސް އެބައޮތް. މި ހިއްކާ ބިމުގެ ލޭންޑް ޔޫޒް ޕްލޭން ރަނގަޅަށް ހަދައިފިނަމަ މީގެ ފައިދާ ކުރާނެ، ހުރިހާ މީހުން ގުޅިގެން ގައުމު ކުރިއަށް ގެންދަންވީ. އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ބަޖެޓުގައި ހުރި އަދަދުތައް ރަނގަޅު،" ޖަނާހު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އެއާޕޯޓާއި ބްރިޖުގެ މަސައްކަތް ފެށިގެންދާނެކަން ފާހަގަ ކޮށްފައިވެ އެވެ.