ވިޔަފާރި

ރާއްޖޭގެ އަށް މީހަކުން އެކަކީ ސަރުކާރު މުވައްޒަފެއް!

Nov 14, 2015

އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖޭގެ ސަރުކާރު މުވައްޒަފުންގެ އަދަދު ގިނަ ހެއްޔެވެ؟ މި ސުވާލަށް މި އޮތީ ރަނގަޅު ޖަވާބެކެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގެ ބަޔާން އިއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ކޮންމެ އަށް މީހަކުން އެކަކީ ސަރުކާރު މުވައްޒަފެއް ކަމަށެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ ބޮޑު ސިވިލް ސާވިސްއަކާއެކު ކުރިއަށްދާ ރާއްޖޭގެ ހިންގުމުގެ ހަރަދުތައް ކުޑަކުރަން ޖެހިފައިވާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ސަރުކާރު މުވައްޒަފުންގެ އުފެދުންތެރިކަން އިތުރު ކުރަން ޖެހިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މި އަހަރު ދައުލަތުން ހަރަދުކުރާ ކޮންމެ 100ރ. އަކުން 75ރ. ހަރަދު ކުރަމުން މިދަނީ މުވައްޒަފުންގެ މުސާރައަށް. ހިންގުމުގެ ހަރަދުތަކަށް،" ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

ރާއްޖޭގެ ސިވިލް ސާވިސް ނުވަތަ ސަރުކާރުގައި ގާތްގަނޑަކަށް 30،000 ގާތްކުރާ އަދަދަކަށް މުވައްޒަފުން ހަރަކާތެރިވެ އެވެ. މިއީ ގާތްގަނޑަކަށް 4،00،000 މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގެ ނިސްބަތުން ބަލާއިރު މަތީ އަދަދެކެވެ. އަދި ރާއްޖޭގެ ސިވިލް ސާވިސް ކުޑަކުރަން މީގެ ކުރިން ވޯލްޑް ބޭންކް ފަދަ މާލީ އިދާރާ ތަކުން ސަރުކާރާއެކު މަސައްކަތް ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމެއްނަމަ ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރަން ޖެހޭ ކަމަށެވެ.

"ވަކިން ހާއްސަކޮށް ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަމާ ފެންވަރު ރަނގަޅު ކުރަން އެބަޖެހޭ. ދައުލަތުގެ މުވައްޒަފުންނަށް ބޮޑު ހޭދައެއް ކުރޭ،" ޖިހާދު ވިދާޅުވި އެވެ.