އިސްލާމިކް ފައިނޭންސް

އިސްލާމިކް ފައިނޭންސް ތަރައްގީ ކުރަން ކުންފުންޏެއް އުފައްދައިފި

ރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްގީ ކުރަން ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ އިސްލާމިކް ފައިނޭންސް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން "މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް" ގެ ނަމުގައި ރައީސް ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އިސްލާމިކް ފައިނޭންސްގެ އާ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފުވެ، އިސްލާމީ މާލީ ބާޒާރަށް ނުކުތުން،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ކުންފުނީގެ ސަބަބުން ރާއްޖޭގައި ކުރަން ހުރި މަޝްރޫއުތަކަށް ފައިސާ ލިބިގެންދާނެ ކަމަށެވެ.

"ރާއްޖެއަކީ ދެކުނު އޭޝިޔާގެ އިސްލާމިކް ފައިނޭންސްގެ މައި މަރުކަޒަކަށް ހެދުމަށް ބޭނުންވަނީ،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ އިތުރު ކުރިއަށް އޮތް އަހަރަކީ ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ތަންމިނަށް ހުޅުވާލުމުގެ ގޮތުން "ސްޕެޝަލް ޕާޕަސް" ގޮތެއްގައި ލޯނު ލިބޭނެ މަގުތައް ފަހިކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"އަންނަ އަހަރު ތެރޭގައި ސަރުކާރުން ވިއްކަން ގަސްތު ކުރައްވާ ބޭރު ފައިސާގެ ސޮވޮރަންޓް ބޮންޑުގެ ސަބަބުން އިތުރު ފުރުސަތުތައް މިކަމަށް ފަހިވާނެ. މި ބޮންޑުގެ ތެރެއިން ކަނޑައަޅިފައިވާ މަޝްރޫއުތަކަށް ހޭދަ ކުރެވޭނެ،" ޖިހާދު ވިދާޅުވި އެވެ.