ވިޔަފާރި

މި އަހަރު އެންމެ ގިނައިން ޓީބިލް ގަތީ ޕެންޝަން އޮފީހުން: ޖިހާދު

މި އަހަރު އެންމެ ގިނައިން ޓްރެޒަރީ ބިލް (ޓީ-ބިލް) އެންމެ ގިނައިން ގަނެފައިވަނީ ޕެންޝަން އޮފީހުން ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމެޓީއަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ އެންމެ ގިނައިން ޓީ-ބިލް ގަތީ ޕެންޝަން އޮފީހުން ކަމަށާއި، އެ އޮފީހުން 3.7 ބިލިއަން ރުފިޔާގެ ޓީބިލް ގަނެފައިވާ ކަމަށެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓީބިލް ގަނެފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޓީ-ބިލް ގަތީ ޗަމްޕާ ބަރަދާސްއިން ކަމަށެވެ.

"ޗަމްޕާ ބްރަދާސްއިން 221 މިލިއަން. އަދި ކްރައުން ކޮމްޕެނީން ޓީބިލް ގަތީ 16 މިލިއަން. ވަރަށް ކުޑަ އަދަދެއް،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށްވެސް ޓީބިލް ގަންނަނީ އެއް އަގެއްގައި ކަމަށެވެ.

"ކުރިން ނުވަ ޕަސެންޓުގައިވެސް ހުރި ޓީބިލްގެ އިންޓްރެސްޓް ރޭޓް. ނަމަވެސް ރައީސްގެ ލަފާފުޅާއެކު އެ ރޭޓް ވަނީ ހަތަރު ޕަސެންޓަށް ދައްކޮށްފަ. މިހާރު އެންމެ މައްޗަށްވެސް ދޫކުރަނީ 4.5 ޕަސެންޓުގައި،" ޖިހާދު ވިދާޅުވި އެވެ.

"މީގެ ސަބަބުން އެދެވޭ ބަދަލުތަކެއް ބޭންކިން އިންޑަސްޓްރީއަށް އަންނާނެ. މިއީ އާއްމު ރައްޔިތުންނަށް ލޯނު ލިބެންއަންނަ ޕްރޮޖެކްޓްތައް ވައިބަލް ވެގެންދާނެ."