އިންޑިޔާގެ ހަ އަހަރުގެ ކުޑަ އަންހެންކުއްޖަކު އެ ގައުމުގެ ބޮޑުވަޒީރަށް ޝަކުވާއެއް ހުށަހަޅާ ވީޑިއޯއެއް އިއްޔެ އިންޓަނެޓުގައި ވައިރަލް ވިއެވެ. އެ ކުއްޖާ ޝަކުވާ ކުރަނީ މާ ގިނައިން ހޯމްވޯކް ދޭތީ އެވެ.
"އައްސަލާމް އަލައިކުމް މޯދީ ސާހަބް! ހަ އަހަރުގެ ކުޑަ ކުޑަ ކުދިންނަށް ކީއްވެތަ ޓީޗަރުން އެހާ ގިނަ ހޯމްވޯކް ދެނީ، މިހާ ގިނަ ހޯމްވޯކް ދޭން ޖެހޭނީ ބޮޑެތި ކުދިންނަށޭ! ހެނދުނު ހޭލާގޮތަށް އަހަންނަށް ޖެހޭ 10 ޖެހީއްސުރެ ދޭއް ޖަހަންދެން އޮންލައިން ކްލާސްތަކުގައި ބައިވެރިވާން. އިނގިރޭސި ހިސާބު، އުރުދޫ، އީވީއެސް ކިޔަވަން ޖެހޭ. ދެން އަދި އޮވޭ ކޮމްޕިއުޓަ ކްލާސް ވެސް. ކީއްވެތަ މިހާ ގިނަ މަސައްކަތް ދެނީ! މިހާ މަސައްކަތް ދޭން ޖެހޭނީ ގްރޭޑް 6، 7 އަދި 10ގެ ކުދިންނަކަށްނު؟" މި ވީޑިއޯގައި ޖައްމޫ އެންޑް ކަޝްމީރުގެ މި ކުޑަ އަންހެންކުއްޖާ ބުނެ އެވެ.
ވީޑިއޯ ނިމޭއިރު ކުއްޖާގެ މޫނަށް ވައްތަރެއް ޖައްސާލާފައި "ދެން ކީއްހޭ ކުރާނީ؟" އަހަ އެވެ.
ވީޑިއޯގައި މި ކުއްޖާ ދައްކާ ވާހަކައާއި ވާހަކަ ދައްކާލެއް ލޯބި ކަމުން ގިނަ ބަޔަކަށް މިކަން ވަރަށް ލޯބި ވެގެން އުޅެފައިވާއިރު އަނެއް ބަޔަކު ބުނަނީ މިއީ ހަގީގަތުގައި ވެސް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.
މި ވީޑިއޯ ޖައްމޫ އެންޑް ކަޝްމީރުގެ ގަވަރުނަރު މަނޯޖް ސިންހާގެ ލޮލުގައި ވެސް ވަނީ އަޅައިގަނެފަ އެވެ. އޭނާ ކުރި ޓުވީޓެއްގައި މި ކުއްޖާގެ ޝަކުވާ އަކީ ހަގީގަތުގައި ވެސް ވަރަށް ގިނަ ކުޑަކުދިންނަށް ދިމާވެފައިވާ މައްސަލައެއް ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައި ވެއެވެ. އަދި ކުޑަކުދިންނަށް މިހާ ބުރަނުކޮށް ވާނެ ގޮތެއް ހޯދަން އެދިފައިވާ ކަމަށް ގަވަނަރުނަރު ފަހުން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.