ހަބަރު

ކަޝްމީރު މައްސަލާގައި އޯއައިސީއާ އެއްބަހެއް ނުވެވޭނެ: ނަޝީދު

Oct 6, 2019
14

ޖައްމު އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމާ ގުޅިގެން އިންޑިއާ ސަރުކާރާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ "އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)" އިން ނިންމާފައިވާ ނިންމުމަށް ރާއްޖެއަށް ތާއީދުކުރެވެންނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލަން ނިންމުމާ ގުޅިގެން އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ހާއްސަ އިމްތިޔާޒުތައް އުވާލުމުން މުސްލިމުން ކަޝްމީރުގައި ހަމަނުޖެހުން ހިންގަމުންދާ ކަމަށް ބުނެ، އިންޑިއާގެ މައި ސަރުކާރުން ވަނީ، ކަޝްމީރަށް 10،000 ސިފައިން ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ފޮނުވާފަ އެވެ.

އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި 57 ގައުމުގެ މައްޗަށް ހިމެނޭ އޯއައިސީން ވަނީ އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލި އުވާލުން އަނބުރާ ގެންދިޔުމަށް އެ ގައުމުގެ ސަރުކާރަށް ގޮވާލައިފަ އެވެ.

ވާލްޑް ފައިނޭންޝަލް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އޯއައިސީއިން ގަބޫލުކުރާގޮތަށް ރާއްޖެއަށް ތާއީދުކުރެވެންނެތް ކަމަށެވެ. އަދި ކަޝްމީރު މައްސަލައަކީ އިންޑިއާގެ ދާހިލީ ކަމެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެ މައްސަލާގައި ދިވެހި ސަރުކާރުން ނަގާފައިވާ ސްޓޭންޑް ތަކުރާރުކުރައްވައިފަ އެވެ.

"ރާއްޖެއަކަށް ނެތް އޯއިއިސީގެ ނިންމުމަށް ތާއީދުކުރެވޭކަށް. އޯއައިސީގެ މަދު ގައުމެއްގައި ޑިމޮކްޜަސީއެއް އޮތޯ. އެހެންވީމާ، ޑިމޮކްރަސީއެއް އޮތް އިންޑިއާ ފަދަ ގައުމެއްގެ އިންސާނީ ހައްގުތަކާބެހޭ ގޮތުން އޯއައިސީން އެއްޗެއް ބުނެވޭނެކަމަކަށް ގަބޫލެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ކަޝްމީރު މައްސަލާގައި ރާއްޖެ ހިމެނޭގޮތަށް އެއްވެސް ގައުމަކުން އިންޑިއާއަށް ފާޑުކިޔަންޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އެކަން ހިނގާފައިވަނީ އިންޑިއާ ސަރުކާރުގެ ތެރެއިން. އެއީ އިންޑިއާގެ ދާހިލީ ކަމެއް،" ކަޝްމީރުގައި މީހުން ހައްޔަރުކުރުމާ ގުޅޭގޮތުން ސުވާލުކުރުމުން ނަޝީދު ތަކުރާރުކުރެއްވި އެވެ.

ކަޝްމީރުގައި ގާއިމްވެ ތިބި ސިފައިން ދަނީ މުސްލިމުންގެ ހައްގުތަކަށް އަރައިގަނެ އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގަމުން ކަމަށް އދ.ގެ ރިޕޯޓެއްގައި ދާދި ފަހުން ވަނީ ބުނެފަ އެވެ.