ރައީސް މުހައްމަދު ނަޝީދު

އިންޑިއާއަށް ފާޑުކިޔާތީ ނަޝީދަށް ކަމަކު ނުދިޔަ

ސަރުކާރުގެ އިސްވެރިން ހިމެނޭހެން ބައެއް ދިވެހިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުރުހުންވެއްޖެ އެވެ.

ސިޔާސީ ކަންކަމާ ދުރުވެވަޑައިގެން ހުންނެވި ކަމަށް އަމިއްލަފުޅަށް އިއުލާންކުރައްވައިގެން ހުންނެވި ރައީސް ނަޝީދު މިއަދު އިންޑިއާގެ ދިފާއުގައި ވާހަކަދެއްކެވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަޝީދުގެ ޕޯސްޓްގައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ޓެގް ކުރައްވާ ސަރުކާރުގެ އިސް ބޭފުޅުން އިންޑިއާއަށް ބޭއަދަބީކޮށް މުހާތަބް ކުރައްވާ ކަމަށް ސިފަކުރައްވާ ފާޑުކިޔާފަ އެވެ.

ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި ރާއްޖެއަށް މުހިއްމު ބައިވެރިއެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރަށް އަމާޒުކުރައްވާ ޝިއުނާ ފާޑުވިދާޅުވެފައިވަނީ "ބިރުވެރި" ބަސް މަގަކުންނެވެ.

އިންޑިއާ އަކީ ރާއްޖޭގެ ސަލާމަތާއި ކުރިއެރުމަށް މުހިއްމު ބައިވެރިއެއް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްވެރިން އިންޑިއާ އާއި ދެކޮޅަށް ފާޑު ވިދާޅުވެ ކުރައްވާ ކަންކަމަކީ އެއީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތު ނޫންކަން އިންޑިއާއަށް ސާފުކޮށްދީ ޔަގީންކޮށްދޭން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދަކީ އިންޑިއާ އާއި ރާއްޖެއާ ގުޅޭ ހައްސާސް މައްސަލަތަކުގައި އިންޑިއާގެ ދިފާއުގައި އާންމުކޮށް ވާހަކަދައްކަވާ ބޭފުޅެކެވެ.