ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާއާ ގުޅޭގޮތުން ދައްކަމުންދާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓުވަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދޭން އިންޑިއަން ހައި ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދިފައިވާތީ އެކަމާއި ގުޅޭ ބަހުސެއް ފުޅާވެ ބޮޑުވެފައިވަނިކޮށެވެ.
އިންޑިއާގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވާ އަދި ބައެއް އެހެން ގައުމުތަކާއި ގުޅޭގޮތުން ފާޑުވިދާޅުވެ އެތައް ވާހަކަފުޅެއް ދައްކަވާފައިވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށެވެ.
"ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާ އާއި ގުޅޭގޮތުން ދައްކާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓުވަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މި ޓްވީޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ މީގެ ކުރީން ޗައިނާގެ ސަފީރާއި އަދި އެ ގައުމާއި ގުޅުވައި ނަޝީދު ދައްކަވާފައިވާ ފިތުނަވެރި އަދި ބޭއަދަބީ އެތައް ވާހަަކަތަކެއް ހަނދާންކޮށްދެއްވާފައެވެ. އަދި ދިވެހިންގެ އެންމެ ގާތް ސައުދީގެ ސަފީރާއި ޓެރަރިޒަމާއި ގުޅުވައި ނަޝީދު ކުރައްވާފައިވާ ޓްވީޓްތަކުގެ ސްކްރީން ޝޮޓްތަކުންވެސް ބައެއް މީހުން އެ ޓްވީޓަށް ރައްދު ދީފައިވެއެވެ.
އެފަދަ ބައެއް ޓްވީޓްތަކަށް، ރައީސް ނަޝީދު ފޮރުވިގެން ހުންނަވާ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތަކަށް ހާއްސަ "އެލެކްސް" އެކައުންޓުން ރައްދު ދީފައިވެއެވެ. ވިދާޅުވީ އެމަނިކުފާނު ކުރީން ދައްކަވާފައިވާ ވާހަކަތަކާއި އިންޑިއާގެ ޑިޕްލޮމެންޓުންނާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތައް ވަަރަށް ތަފާތު ކަމަށެވެ.
"ޗައިނާ ސަފީރާއި ގުޅޭގޮތުން އެއްގޮތަކަށްވެސް އެއްވެސް ބާވަތެއްގެ ވާހަކައެއް ދައްކާފައެއް ނުވާނެ. ބައްލަވާ. ހަމަ އެކަނި ވާނީ ދަރަނީގެ ވާހަކަ. ދޮގު ނުހައްދަވާ،" ނަޝީދަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދެ ދެއްވާ ވިދާޅުވެފަައިވެއެވެ.