ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ސައި ވިއްކާ މީހަކު މޯދީއަށް 100 ރުޕީސް ފޮނުވައިފި

މި ފަހަކަށް އައިސް އިންޑިާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއްމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވާއިރު މާބޮޑަށް ތުނބުޅި ދިގު ކުރައްވާފައި ހުންނަވާ ތަން ފެނެ އެވެ. ނަމަވެސް ބޮޑުވަޒީރު މޯދީގެ މި ދިގު، ނުރަ ތުނބުޅި އިންޑިއާ މީހަކަށް އެހާ ހިތްހަމަޖެހޭ އެއްޗަކަށް ނުވި އެވެ. އޭނާ ކަން ކުރި ގޮތުން މިކަން ވަރަށް ރަނގަޅަށް ސާބިތުވެ އެވެ.

އިންޑިއާގެ މަހަރަޝްތުރާގެ ބަރަމަތީއޭ ކިޔާ ހިސާބުގަނޑުގައި ސައި ވިއްކައިގެން އާމްދަނީ ހޯދައިގެން ދިރިއުޅޭ މި މީހާ ދާދިފަހުން ވަނީ އިންޑިއާގެ ބޮޑުވަޒީރަށް 100 ރުޕީސް ފޮނުވާފަ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މިއީ ބޮޑުވަޒީރުގެ ތުނބުޅި ބާލުއްވަން އެ މީހާ ފޮނުވި ފައިސާ ކަމަށެވެ.

ކޮރޯނާ ވައިރަހުގެ އާލަމީ ވަބާ ފެށުނު ފަހުން އިންޑިއާގެ ގިނަ ރަށްތަކެއް ލޮކްޑައުންގައި އޮންނަތާ އެތައް މަހެއްވެ ކޮންމެ ދުވަހަކު ލިބޭ އާމްދަނީން ކައިގެން ބޮއިގެން އުޅޭ މީހުން ވަނީ ވަރަށް ބޮޑަށް ހާލުގައި ޖެހިފަ އެވެ. މިގޮތުން އެންމެ ބޮޑަށް ހާލުގައި ޖެހުނު މީހުންގެ ތެރޭގައި އިންޑިއާގެ މަގުތަކުގައި ކުދިކުދި ގާޑިޔާތަކުގައި ސައި ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުން ހިމެނެ އެވެ. މި މީހާ އަކީ ވެސް ސައި ވިއްކާ މީހަކަށް ވާތީ އެ މަސައްކަތް ހުއްޓި މިމީހާ ރުޅިގަދަވީ އެވެ.

އެހެންވެ އަނިލް ނަމަކަށް ކިޔާ ސައި ވިއްކާ މީހާ ބޮޑުވަޒީރަށް 100 ރުޕީސް ފޮނުވީ އޭނާ މޯދީ އަށް ދަންނަވަން ބޭނުންވާ ބައެއް ވާހަކަތައް ލިޔެފައިވާ ސިޓީ އަކާ ވެސް އެކުގަ އެވެ.

"ބޮޑުވަޒީރު މޯދީ އެމަނިކުފާނުގެ ތުނބުޅިފުޅު މިހާރު ދިގު ކުރައްވައިފި. އެމަނިކުފާނު އެއްޗެއް އިތުރުކުރައްވަން ބޭނުންފުޅުނަމަ ތުނބުޅީގެ ސައިޒު އިތުރު ނުކުރައްވައި ގައުމުގެ މީހުންގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރައްވަން ފެނޭ. އާބާދީއަށް ވެކްސިން ދޭ މިންވަރު އިތުރު ކުރައްވަން ފެނޭ. ސިއްހީ ޚިދުމަތްދޭ ތަންތަން އިތުރަށް ގާއިމުކުރަން ފެނޭ. ދެ ފަހަރަށް ލޮކްޑައުން ކުރުމުގެ ސަބަބުން އާދައިގެ މީހުންގެ ހާލަތު ގޯސްވެފައިވާ މިންވަރު ބައްލަވައި އެމީހުންނަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައި ދެއްވަން ފެނޭ،" ދަ އިންޑިއަން އެކްސްޕްރެސްގައިވާ މި ޚަބަރަށް ދިން އިންޓަވިއުގައި ފައިސާ ފޮނުވި ސަބަބު ކިޔައިދެމުން އެމީހާ ބުނެފައިވެ އެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ބޮޑުވަޒީރު މޯދީ އަކީ އިންޑިއާގެ އެންމެ މަތީ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ވީމާ އެމަނިކުފާނަށް އޭނާގެ ހިތުގައި ގަދަރާއި އިހުތިރާމް އެންމެ ފުރިހަމަ އަށް އެބައޮތެވެ. ބޮޑުވަޒީރަށް އޭނާ ފޮނުވި 100 ރުޕީސް އަކީ އެމަނިކުފާނުގެ ގަދަރު ކުޑަކުރަން ކުރި ކަމެއް ނޫން ކަމަށާއި އޭނާގެ އާމްދަނީން 100 ރުޕީސް ފޮނުވީ ބޮޑުވަޒީރުގެ ތުނބުޅި ބޭލުމަށް ކަމަށެވެ.

ކޮވިޑްގެ އުދަގޫ ހާލަތުގެ ސަބަބުން ފަގީރުންގެ ފަގީރުކަން އިންތިހާއަށް އިތުރުވަމުންދާތީ ބޮޑުވަޒީރުގެ ސަމާލުކަން ލިބޭނީ މިފަދަ ގޮތަކަށް ކަމަށް ގަބޫލުކުރެވޭތީ އޭނާ 100 ރުޕީސް ފޮނުވީ ކަމަށް ވެސް ސައި ވިއްކާ މީހާ ބުނެފައިވެ އެވެ.

މި ފައިސާއާ އެކު ސައި ވިއްކާ މީހާ ފޮނުވި ސިޓީގައި އެދިފައިވަނީ މި ބަލިމަޑުކަމުގައި ފަސް ލައްކަ އާއިލާއަކުން މަދުވެގެން އެކަކު މަރުވެފައިވާތީ އެ އާއިލާތަކަށް ފައިސާގެ އެހީއެއް ހަމަޖައްސައި ދިނުމަށެވެ. އަދި 30،000 އާއިލާއަކަށް ލިބެމުންދިޔަ އާމްދަނީ ހުއްޓި އެމީހުން ހާލުގައި ޖެހިފައިވާތީ އެމީހުންނަށް ވެސް ސަރުކާރުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.