ލައިފްސްޓައިލް

ބޭންކަކަށް އޮޅިގެން ޖަމާކުރެވުނު 5.5 ލައްކަ ރުޕީސް އަނބުރާ ނުދިން

އިންޑިޔާގެ ބިހާރުގެ ކަގާރިއާ ޑިސްޓްރިކްޓްގައި ދިރިއުޅޭ މީހެއްގެ އެކައުންޓަށް އެ ސަރަހައްދުގައި ހުންނަ ބޭންކަކުން ޖަމާކުރި 5.5 ލައްކަ ރުޕީސް އަނބުރާ ދޭން އެމީހާ ދެކޮޅު ހަދައިފި އެވެ. އެމީހާ ބުނަނީ އެއީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި އެއްޗެއް ކަމަށެވެ.

ބަޚްތިޔާރުޕޫރު އަވަށުގައި ދިރިއުޅޭ ރަންޖީތު ދާސްގެ އެކައުންޓަށް ގްރެމިން ބޭންކަށް އެރި އޮޅުމަކުން 5.5 ލައްކަ ރުޕީސް ވަނީ ޖަމާ ކުރެވިފައިކަމަށް އިންޑިޔާގެ ނޫހަކުން ބުނެފައި ވެއެވެ. މި ފައިސާ ޖަމާވުމުން ރަންޖީތު ހީކުރީ މިއީ ބޮޑުވަޒީރު މޯދީ "ހުރިހާ އެންމެންނަށް ދެއްވަން ވައުދުވީ" 15 ލައްކަ ރުޕީސްގެ އިންސްޓޯލްމަންޓެއް ކަމަށެވެ. އެމީހާ ބުނަނީ އިންޑިޔާގެ ކޮންމެ ރައްޔިތެއްގެ ބެންކް އެކައުންޓަށް 15 ލައްކަ ރުޕީސް ޑިޕޮސިޓް ކޮށްދެއްވަން ބޮޑުވަޒީރު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

ރަންޖިތު ބުނި ގޮތުގައި އޭނާއަކަށް އެ ފައިސާ އަނބުރާ ރައްދު ކުރެވޭކަށް ނެތެވެ. ސަބަބަކީ އެ ފައިސާ ނަގައިގެން އޭގެ ބޭނުންކޮށް ހުސްވެފައިވާތީ ކަމަށް ވެސް ރަންޖިތު ބުންޏެވެ.

"މިއަހަރުގެ މާޗު މަހު އަހަންނަށް އެ ފައިސާ ލިބުމުން ވަރަށް އުފާވި. އަހަރެން ހީކުރީ ބޮޑުވަޒީރު މޯދީ ވައުދުވެ ވަޑައިގެން ގޮތަށް ފައިސާ ޑިޕޮސިޓް ކުރެއްވީ ކަމަށް. އެހެންވެ އަހަރެން ހުރިހާ ފައިސާއެއް ހޭދަކޮށްފިން. މިހާރު އަހަރެންގެ އެކައުންޓުގައި އެއްވެސް އެއްޗެއް ނެތް،" ރަންޖިތު ބުންޏެވެ.

އިންޑިޔާ ފުލުހުން މިހާރު ވަނީ ރަންޖިތު ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރުމަށްފަހު ފުލުހުން ސުވާލުކުރުމުން ވެސް ރަންޖީތު ބުނަނީ ހަމަ އެހެންނެވެ.

ފުލުހުން ބުނެފައިވަނީ ރަންޖިތު ހައްޔަރުކުރީ ގްރެމިން ބެންކުގެ މެނޭޖަރު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށެވެ. އަދި މިކަމާ ގުޅޭ ތަހުގީގު ކުރިޔަށްދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.