އިންޑިއާ

ހުޅުވާލީ އެއްލައްކަ ވަޒީފާ، ދެ މިލިއަން މީހުން ކުރިމަތިލި!

އިންޑިއާގެ ސަރުކާރުން ހިންގާ ރެއިލްވޭތަކުގެ ވަޒީފާއަށް ހުޅުވާލި އެއް ލައްކަ ވަޒީފާގެ ފުރުސަތައް ދެ މިލިއަނަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް އެ ގައުމުގެ ރެއިލްވޭ މިނިސްޓްރީން ބުނެފި އެވެ.

އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ އަންނަ ހޮނިހިރު ދުވަހަށް ވުމުން ވަޒީފާއަށް ކުރިމަތިލާ މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަދި އިތުރުވެގެންދާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެ އެވެ.

މި ވަޒީފާތަކަށް ކުރިމަތިލާ މީހުން އިމްތިހާނު ކުރަނީ އޮންލައިން ކޮށެވެ. ކުރިމަތިލުމަށް ހުޅުވާލާފައިވާ ވަޒީފާތަކުގެ ތެރޭގައި ރެއިލްވޭ ޕޮލިސްގެ ވަޒީފާ އާއި ލޮކޮމޯޓީވް ޑްރައިވާސްގެ ވަޒީފާތަކުގެ އިތުރުން ތަފާތު 15 ބަހަކުން ވާހަކަ ދައްކާ ޓެކްނީޝަނުން ހޯދުމަށް ވެސް އިއުލާނު ކޮށްފައިވެ އެވެ.

ވަޒީފާ ނުލިބުމަކީ އިންޑިއާގައި ބޮޑު މައްސަލައެކެވެ. އިންޑިއާގައި މިހާރުވެސް ވަޒީފާއެއް ނުލިބި އެތައް މިލިއަން ބަޔަކު އެބަ ތިއްބެވެ.

ރެއިލްވޭ މިނިސްޓްރީން ބުނީ މިހާ ދަށު ފަންތީގެ ވަޒީފާތަަކަށް އެހާ ގިނަ ބަޔަކު ކުރިމަތިލާފައިވާތީ ހައިރާންވާ ކަމަށެވެ.

"ވަރަށް ގިނަ މީހުން އެބަ ކުރިމަތިލާ. ކަނޑައަޅާފައިވާ ޝަރުތުތަކަށްވުރެ މަތިން ތިބި މީހުން ވެސް. ޕީއެޗްޑީ ނަގާފައި ތިބި މީހުންވެސް މި ވަޒީފާތަކަށް ކުރިމަތިލާފައިވޭ،" އިންޑިއާގެ ނޫހެއްކަމަށްވާ އިކޮނޮމިކް ޓައިމްސްއަށް ރެއިލްވޭ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިންޑިއާގެ ނޫސް އެޖެންސީއެއް ކަމަށްވާ ދަ ޕްރެސް ޓްރަސްޓް އިން ރިޕޯޓްކުރި ގޮތުގައި ހަމައެކަނި ޓެކްނީޝަނުންނާއި ލޮކޮމޯޓީވް ޑްރައިވާސްގެ ވަޒީފާއަށް މިލިއަނަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެ އެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ރެއިލްވޭ ނެޓްވޯކު އޮތް ގައުމެވެ. ކޮންމެ ދުވަހަކު އިންޑިއާގެ ރެއިލްތަކުން 23 މިލިއަން މީހުން ހިދުމަތް ހޯދަ އެވެ. އިންޑިއާގައި އާންމުންގެ އެންމެ ގިނަ ބަޔަކު ދަތުރު ފަތުރު ކުރުމަށް ބޭނުންކުރަނީ ރެއިލެވެ. މިހާރުވެސް ރެއިލްވޭގައި މިިލިއަނަކަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރެ އެވެ.