ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިތައް ބަނގުރޫޓްވުމުގެ ފުރުސަތު އޮތުމުން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯންތައް ދެއްކުން ހަމަސް ދުވަހަށް ފަސްކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އިއްވާފަ އެވެ.
މިގަރާރުގައި ބުނެފައިވަނީ ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާއިރު އެކަމުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް އާމްދަނީ ލިބުން އެއްކޮށް ހުއްޓި، ވިޔަފާރިތަކުގެ އާމްދަނީ ބޮޑު ތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވިޔަފާރި ހިންގާ ތަންތަނުގެ ކުލި ދެއްކުމާއި، މުވައްޒަފުންނަށް މުސާރަ ދިނުން ފަދަ އެންމެ އަސާސީ ހަރަދުތައް ކުރުމަށްވެސް ބައެއް ވިޔަފާރިތަކަށް ދަތިވެ ބަނގުރޫޓް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް 19 ފެނުނު ދުވަސްވަރު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ އާމްދަނީ ހީނަރުވެގެންދާނެ ކަމަށް ބަލައި ވިޔަފާރިތަކަށް އެހީވުމަށްޓަކައި ލޯންތައް ނަގާފައިވާ ވިޔަފާރިތަކަށް ލޯން ދެއްކުމުގައި ލުއި ދިނުމުގެ ގޮތުން މޮރިޓޯރިއަމްގެ ފުރުސަތު ފަހިކޮށްދީފައިވާ ކަންވެސް ގަރާރުގައި ފާހަގަކޮށްފަ އެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވަނީ ވެސް ކުރިން އެޅި ފަދަ ފިޔަވަޅުތަކަކަށް ވާތީ ކުރިންވެސް ވިޔަފާރިތަކަށް ލިބުނު ގެއްލުން މިހާރުވެސް ވިޔަފާރިތަކަށް ކުރަމުންދާނެ ކަމަށް ބުނެފައިވެ އެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު މުއްދަތަކަށް ދަމަހައްޓާނެ ކަމަށް ބެލެވޭތީ ވިޔަފާރިތަކުގެ ލޯންތަކަށް ލުއި ދިނުމުގެ ގޮތުން މޮރިޓޯރިއަމެއް ހަމަޖައްސައިދިނުމަށް ގޮވާލާފައިވެ އެވެ. އެގޮތުން ތިން ކަމެއް ހަމަޖައްސައިދޭން އެދިފައިވެ އެވެ.
- އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ވިޔަފާރިތަކަކުން ނަގާފައިވާ ލޯންތކާއި ކްރެޑިޓް ފެސިލިޓީތަކަށް މޮެރިޓޯރިއަމް ހަމަޖައްސައިދިނުން.
- މޮެރިޓޯރިއަމް ދިނުމުގައި ލޯން ނުވަތަ ކްރެޑިޓް ފެސިލިޓީއަށް ބަރާބަރަށް ފައިސާ ދައްކާފައިވުން އެއީ ޝަރުތެއް ކަމުގައި ކަނޑަނޭޅުން.
- މޮރިޓޯރިއަމްގެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓަރެސްޓް ލޯން ނުވަތަ ކްރެޑިޓް ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއަށް އިތުރު ނުވެ އެއްކޮށް މައާފްވާ ގޮތަށް ހަމަޖައްސައިނުން.
މޮރިޓޯރިއަމް ދިނުމަށް ގަރާރުގައި ހުށަހަޅާފައިވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލާ ދުވަހުން ފެށިގެން ހަމަސް ދުވަހުގެ މުއްދަތަކަށެވެ.
ގަރާރުގައިވާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޭންކްތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ވިޔަފާރިތަކުގެ ބޭނުމަށް ނަގާފައިވާ ލޯނާއި ކްރެޑިޓް ފެސިލިޓީތަކަށް ވެސް މޮރިޓޯރިއަމް ހަމަޖައްސައިދިނުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ ހިމެނޭ ގޮތަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.