ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަންނަ އަހަރުގެ އަންދާޒާއަކީ ހަތް ލައްކަ ޓޫރިސްޓުން

Oct 8, 2020

ކޮވިޑް-19 އިގެ ހާލަތުގައި ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އެކީގައިހެން ހުއްޓިފައިވާއިރު، އެކަމުގެ އަސަރު އަންނަ އަހަރު ވެސް ކުރާނެތީ، އަންނަ އަހަރު ރާއްޖެއަށް ޒިޔާރާތް ކުރާނެކަމަށް އަންދާޒާ ކުރެވެނީ 700،000 ޓޫރިސްޓުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ދެ މަހަށް ވުރެ ގިނަ ދުވަހަށް ބަންދު ކުރުމަށް ފަހު މިދިއަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން، މިހާތަނަށް އައިސްފައިވަނީ 22،007 ޓޫރިސްޓުންނެވެ.

އަދި މި އަހަރުގެ ޖެނުއަރީން އޮކްޓޫބަރު ފަސް ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވާ ޖުމްލަ ޓޫރިސްޓުންގެ އަދަދަކީ 404،854 ޓޫރިސްޓުންނެވެ.

ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީ އަދި ނަގާފައިވާ ލޯނާގުޅޭ މައުލޫމާތު ހިއްސާ ކުރައްވަން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތު މެދުވެރިވުމާއެކު ސަރުކާރުން މަސައްކަތް ކުރަމުންދިއައީ އެކި ސެނާރިއޯތަކަށް އަންދާޒާތަކެއް ކަނޑައަޅައިގެން ކަމަށެވެ.

މިގޮތުން، ބޯޑަރު ހުޅުވުމުގެ ގޮތުން ސަރުކާރުން ކުރި ދިރާސާއިން މި އަހަރު 800،000 ޓޫރިސްޓުން އަންނާނެ ކަމަށް ދެއްކި ނަމަވެސް، މިހާރުގެ އަންދާޒާއަކީ 450،000 ޓޫރިސްޓުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ގިނަ ގައުމުތަކުން އަދިވެސް ހަނގުރާމަކުރަމުންދާއިރު، އަންނަ އަހަރު އެންމެ ގިނައިވެސް ރާއްޖެ އަންނާނެކަމަށް ލަފާކުރެވެނީ 700،000 ޓޫރިސްޓުން ކަމަށެވެ.

"އަންނަ އަހަރުގެ ބެސްޓް ކޭސްގައި ހަތް ލައްކަ ޓޫރިސްޓުން އަންނާނެކަމަށް އަޅުގަނޑުމެން އަންދާޒާ މި ކުރަނީ. ނަމަވެސް، ޓޫރިޒަމް މިނިސްޓަރުވެސް ވިދާޅުވަމުން ގެންދަވާ ގޮތަށް އެ އަދަދު އެއަށްވުރެވެސް އިތުރުވެގެން ހިނގައިދާނެ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަހަރެއްގެ މައްޗަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދު ނަމަވެސް، ކޮވިޑުގެ ހާލަތާ ގުޅިގެން ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ މުއްދަތު އިތުރުވެފައިވާ ކަމަށެވެ.

މިގޮތުން، މީގެ ކުރިން އެވެރަޖުކޮށް ޗުއްޓީގެ މުއްދަތު ފަސް ދުވަހާއި ހަ ދުވަހު ހުރި ނަމަވެސް، ކޮވިޑާ ގުޅިގެން އެ އަދަދު 14 ދުވަހަށް މިހާރު އިތުރުވެފައިވާ ކަން އަމީރު ފާހަގަކުރެއްވި އެވެ.

އަދި އެކަމުގެ ސަބަބުން ޓޫރިސްޓުންގެ އަދަދު މަދުވި ނަމަވެސް، އެމީހުން ކުރާ ރާއްޖޭގައި ކުރާ ހޭދަ އިތުރުވުމުގެ ފުރުސަތު އޮންނާނެކަމަށާއި، އާމްދަނީން މަދުވާ ބައި އެ ގޮތުން ކޮންމެވެސް މިންވަރަކަށް ފޫބެއްދޭނެ ކަމަށެވެ.

އަމީރު ވިދާޅުވީ ޓޫރިސްޓުން ރާއްޖެއަށް އައުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެނބުރި ގައުމަށް ދިއުމަށްފަހު 14 ދުވަހަށް ކަރަންޓީނުވުން ކަމަށެވެ.

އެކަމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީން އިސްވެ ޓޫރިސްޓުންނަށް ހާއްސަ އިންޝޫރަންސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ހާމަކުރެއްވި އެވެ.

އަދި މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ އިތުރު މަސައްކަތްތަކެއްވެސް ކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ފަތުރުވެރިކަމަށް ރާއްޖޭގެ އިގުތިސޯދު ބަރޯސާވެފައި އޮންނަ މިންވަރު ކުޑަކުރުމަށްޓަކައި، މެދު ރާސްތާގައި މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކުން ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.