ހެލްތް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ބަޔަކު މަރުވަމުންދާ ކަމަށް ބުނެ ހެލްތް މިނިސްޓަރު އަހްމަދު ނަސީމް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިނިސްޓަރު ނަސީމުގެ އިސްތިއުފާ އަށް ގޮވާލާފައި މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލާގައި އެތައް ބަޔަކު މިނިސްޓަރު ނަސީމުގެ އިސްތިއުފާ އަށް ގޮވާލަމުންދާ ވަގުތެއްގަ އެވެ.
ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑްގެ ބަލިމަޑުކަން މެނޭޖެކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތް މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތް ކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ބަޔަކު މަރުވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ފުރާނައެއް ވަކިވެގެން ދިއުމުން މައާފަށް އެދި ނިންމާލުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަހުގީގުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް މިކޯލިޝަނުން ހަރުއަޑުން ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ކޮވިޑް-19 އަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށް ވުރެ ގިނަ ފައިސާ ޚަރަދު ކުރިއިރު އެ ފައިސާ މިދިޔަ އެއް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ހޭދަކުރެވިފައި ނުވާ ކަމަށެވެ.
ކޮވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ހާލަތަށް ރިއާޔަތްކޮށް ގާއިމުކޮށްފައި ނުވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ. އެކަމަކު ކޮވިޑްގެ ހާލަތަށް މުޅި ސަރުކާރު އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން ބުނަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ބަޔާނުގައި ވަނީ ހެލްތް މިނިސްޓްރީއާއި މުޅި ސަރުކާރު ކޮވިޑްގެ ކަންކަމުގައި ފެއިލްވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.
"ވުމާއެކު ކޯވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލަމެވެ. އަދި ހެލްތް މިނިސްޓަރު އަހްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް މިކޯލިޝަނުން ގޮވާލަމެވެ." ކޯލިޝަންގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.