އަހުމަދު ނަސީމް

ފަސްލައްކަ ޑޯޒް ހަދިޔާ ކުރާނެ ކަމަށް ބުނެ ހުށައެޅީ ފޭކު ލިޔުންތަކެއް

ރަޝިއާ އިން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ބޭނުންވާ ކަމަށް ބުނެ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށައެޅީ ފޭކު ލިޔުންތަކެއް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ވަނީ 200،000 ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުން އެކުލަވާލި 500،000 ޑޯޒް ހަދިޔާކުރަން އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށައަޅާފައިވަނިކޮށް ކަމަށް ބުނެ ބައެއް ނޫސްތަކުގައި މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވީ އެ ހުށައެޅުން ލިބުމާއި ގުޅިގެން އެ ސިޓީގެ ސައްހަކަން ބެލުމަށް ފޮރިން މިނިސްޓްރީއަށް ހުށައެޅި ކަމަށާ މިނިސްޓްރީން ބެލި ބެލުމުން އެ ކުންފުނިން ހުށައަޅާފައިވަނީ ފޭކު ޑޮކިއުމަންޓްތަކެއް ކަން އެނގިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ މިކަމާ ބެހޭ ގޮތުން ސިޓީއެއް ލިބިފައި މި އޮތީ ޑެލްޓާ ކުންފުނީގެ ފަރާތުން އިނގޭތޯ، ޑެލްޓާ ވަސީމްގެ ފަރާތުން. ދެން އެ ލިޔުންތައް އަޅުގަނޑަށް ލިބުނީ ކޮންމެވެސް ވަރެއްގެ ޝައްކުތަކެއް ހިނގީ. އެއީ އާންމު ގޮތެއްގައި އަޅުގަނޑުމެންނަށް އެނގިފައި މި އޮންނަނީ އެ ޕްރޮޑިއުސްކުރާ ކުންފުނި ނޫންނަމަ އެ ފަރާތަކުންނޭ މި އެއްޗެހި ވިއްކާ ހަދަނީ. އެއަކަށް މެދުވެރިއެއް ބޭނުމެއް ނުވޭ،" މިނިސްޓަރު ވިދާޅުވިއެވެ. "ކުއްލިއަކަށް ފަސްލައްކަ ޑޯޒް މިގޮތަށް ލިބޭނެ ކަމަށް އަންގާފައި އޮތީމަ އަޅުގަނޑު މި ޑޮކިއުމަންޓްތައް އަޅުގަނޑު ފޮނުވީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއަށް. އެއީ މީގެ ސައްހަކަން ބަލައިލަންވެގެން. ފޮރިން މިނިސްޓްރީން މިކަން ބެއްލެވިއިރު މިއީ ފޭކު ޑޮކިއުމަންޓްތަކެއް ކަމަށް ވަނީ. ރަޝިޔާގެ ކަމާބެހޭ ފަރާތުން މި ވިދާޅުވަނީ މިއީ ފޭކް ޑޮކިއުމަންޓްތަކެއް ކަމަށް،"

މިނިސްޓަރު ވަނީ މިފަދަ ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ހަގީގަތެއް ނެތް ވާހަކަތައް ބޭރަށް ނެރެ އާންމު ނުކުރެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

"އެހެންވީމަ މިއީ އެއްވެސް އަސާސެއް ހުރި ވާހަކަތަކެއް ނޫން. މިއީ ރަޝިޔާއިން ސީދާ އަޅުގަނޑުމެންނަށް ފޯރުކޮށްދިން މައުލޫމާތު އެނގޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ދޭތެރެ ދޭތެރެއިން މިފަދަ ހުށައެޅުންތައް ލިބޭ ކަމަށާ ނަމަވެސް ވެކްސިނަކީ ރައްޔިތުންގެ ގަޔަށް ޖަހާ އެއްޗެއްގެ ސައްހަކަން ވަރަށް ބޮޑަށް ޔަގީން ކުރަން ޖެހޭ ކަމަށެވެ.