ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވާ މީހުންނަށް އެހެން ބަލިތައް ޖެހިގެން ފަރުވާ ދިން ކަމުގެ މައުލޫމާތު މަރުވާ ފަހުން އާއިލާތަކަށް ހިއްސާކުރާތީ އެކަމާއި ބައެއް އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަވަސްއާ ވާހަކަ ދެއްކި ބައެއް އާއިލާތަކުން ބުނީ ކޮވިޑްގައި ބަލި މީހާ މަރުވާ ފަހުން އެޗްޕީއޭއިން ކުރިން ހިއްސާ ނުކުރާ އެތައް މައުލޫމާތެއް ހިއްސާ ކުރާ ކަމަށެވެ. ކޮވިޑް ޖެހިގެން ފެސިލިޓީއަށް ގެންދާއިރު އިތުރު ބައްޔެއް ނެތް މީހުންނަށް އިތުރު ބަލިތަކެއް ޖެހި ފަރުވާ ދޭނަމަ އެކަން އާއިލާތަކަށް ކުރީން ހިއްސާކުރަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
"މަންމަ މަރުވީމަ ގުޅާފަ މި ބުނަނީ މިވެނި އެވެނި ބައްޔަކަށްވެސް ފަހުން ފަރުވާ ދިނީމޭ. ނަމަވެސް މަރުވުމާ ހަމައަށްވެސް އެ ހުރިހާ ކަމެއް ސިއްރުކޮށްފައި އޮންނަނީ. މަރުވީމަ ދެން މި ހުރިހާ ވާހަކައެއް ދެއްކީމަ އެއީ އަޅުގަނޑުމެންނަށް ލިބޭ ކިހާ ބޮޑު ހިތްދަތި ކަމަކަށްވާނެތޯ،" ކޮވިޑްގައި މަރުވި މީހަކާ ގުޅޭގޮތުން އެޗްޕީއޭއިން މައުލޫމާތު ހިއްސާކުރި ގޮތާމެދު ހިތްހަމަނުޖެހުނު މީހަކު ބުންޏެވެ.
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި އަވަސް އިން އާއިލާތަކުގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އެކަމާއި ގުޅޭގޮތުން މިނިސްޓަރު ނަސީމް ވިދާޅުވީ އެމަނިކުފާނަށްވެސް އެކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެއީ އެކަން ހިނގައިގެންވާނެ ގޮތް ނޫން ކަމަށާ އެކަމާ ސިއްހީ އެހީތެރިންނާއި ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި އާއިލާތަކަށް ވަގުތުން ވަގުތަށް ބަލި މީހާގެ ހާލަތު އެންގޭނެ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން މިކަންތައް ބަލަން ޖެހޭނެ، ބަލާނެ އިނގޭތޯ. ދެން ބަލާފައި ގިނަ ފަހަރަށް އަޅުގަނޑަށް ހީވަނީ މި ތަނުން [އެޗްޕީއޭ] މައުލޫމާތު ދެވިފައި މި އޮންނަނީ އެ ފަރާތެއް ދުނިޔެ ދޫކޮށްފައި ދިޔައީމަ. އޭގެ ކުރީގައި އެކަމެއް ހިއްސާކުރެވެން ޖެހޭނެ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަނީ. އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅު ޕޮއިންޓެއްހެން ތިޔަ ނެންގެވީ. ކޮންމެހެން ކޮވިޑް ބަލި ހުރިނަމަވެސް އޭނާ މަރުވަނީ ސީދާ ކޮވިޑް ބަލީގައި ނޫން ކަމަށްވެސް ވެދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި ޑރ. އިބްރާހިމް އަފްޒަލް ވަނީ މިނިސްޓަރު ނަސީމްގެ ވާހަކަތަކާ ދެކޮޅު ހައްދަވާފައެވެ. އަފްޒަލް ވިދާޅުވީ ކޮވިޑްގައި މިހާތަނަށް މަރުވި ގިނަ މީހުންނަކީ ހައިރިސްކު މީހުން ކަަމަށާ އެއީ ކޮވިޑް ޖެހުމުގެ ކުރީން އެކި ބަލިތަކަށް ފަރުވާ ހޯދަމުން އައި މީހުން ކަމަށެވެ. އެހެންވީމަ އެ ބަލިތައް ހުންނަކަން އާއިލާއަށް ސިއްރުވެފައި ނޯންނާނެ ކަމަށެވެ.
"އެޑްމިޓް ކުރެވޭ މީހުންގެ ހާލަތު އެންމެ ގާތް މީހުންނާ ހިއްސާ ކުރަމުންދާނީ ގަވައިދުންވެސް. އެެހެންވީމަ އެއްގޮތަކަށްވެސް ހިޔެއް ނުވޭ އޮޅުވާލުމެއްގެ ތެރެއިން މައުލޫމާތު ނުދީ އޮންނާނެ ހެނެއް،" ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.
އަފްޒަލް މިހެން ވިދާޅުވި ނަމަވެސް ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ނިއުމޯނިއާ ފަދަ ބަލިތަކާއި އެ ނޫންވެސް ބައެއް މައްސަލަތައް ދިމާވެގެން ގުނަވަންތައް ފެއިލްވުމުގެ މައްސަލަތައް ބަލި މީހާއަށް ކުރިމަތިވެފައިވެއެވެ. އެކަންކަން އާއިލާތަކަށް އެންގުން ފަސްކޮށް އާއިލާތަކާ ހިއްސާ ކުރަނީ ބަލި މީހާ މަރުވާ ފަހުންނެވެ. ބައެއް އާއިލާތަކަށް ފަރުވާއާ ގުޅޭ ލިޔުންތަކުންވެސް އެކަން އެނގި މައުލޫމާތު ހިއްސާކޮށްފައިނުވާތީ ޝަކުވާ ކޮށްފައިވެއެވެ.