ކޮވިޑް ބަލީގައި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މަރުވުމުހައި އެއްވެސް އިހުމާލެއް އޮތްތޯ ބަލަން ކުރިއަށް ގެންދާ ތަހުގީގު ނިމި އިއްޔެ އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ރިޕޯޓް މިހާތަނަށް ވެސް އާންމު ކޮށްފައެއް ނުވެއެވެ.
ބުދަ ދުވަހުގެ ރޭ މަރުވި މިޝްކާގެ ހާލު ދެރަވެ އެމްބިއުލާންސަށް ތަކުރާރުކޮށް ގުޅުމުން ވެސް މިޝްކާ ބަލާ އެމްބިއުލާންސެއް ދިޔައީ ގާތްގަނޑަށް ތިން ގަޑިއިރު ފަހުން ކަމަށް އާއިލާ ބުނެ އެވެ. އެކަމާ ގުޅިގެން އިހުމާލުގެ މައްސަލަތަކެއް ފާހަގަ ކުރެވި އެކަން ބެލުމަށް ހާއްސަ ތަހުގީގެއް ފެށި ކަމަށް ސަރުކާރުން ބުނެ އެވެ.
ފުރަތަމަ މިނިސްޓަރު ނަސީމް ވިދާޅުވި ގޮތުގައި އެ ތަހުގީގު ބުދަ ދުވަހުގެ ރޭ މުޅިން ނިންމާލެވޭނެ އެވެ. އަދި ފަހުން ވިދާޅުވީ ބުރާސްފަތި ދުވަހުގެ މެންދުރު ކުރިން ރިޕޯޓްގެ މަސައްކަތް ނިމި މެންދުރު ފަހު އާންމު ކުރާނެ އެވެ. ނަމަވެސް އެ ވަގުތު ވެސް ފަހަނަ އަޅާ ދިޔަ ފަހުން ހެލްތް މިނިސްޓްރީން ވަނީ ބުރާސްފަތި ދުވަހު ރިޕޯޓް އާންމު ކުރާނެ ކަމަށް ބުނެފަ އެވެ. އެ ވަގުތުވެސް ފަހަނައަޅާ ދިއުމުން ރިޕޯޓް އާންމު ކުރުން ލަސްވީ ކޮން ސަބަބަކާއި ގުޅިގެންތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ހެލްތް މިނިސްޓްރީ އާއި އެޗްޕީއޭ އަދި އެޗްއީއޯސީން ވެސް އެއްވެސް ޖަވާބެެއް ނުދިނެވެ.
އެ ސުވާލުތައް އަމާޒު ވެދާނެތީ، ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ހަވީރާއި ރޭ ބާއްވާފައެއް ނުވެއެވެ.
އާންމުންގެ ޕްރެޝަރާއި ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުން ހެލްތު މިނިސްޓަރު ބުދަ ދުވަހުގެ ރޭ ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލްވުމުގައި މިނިސްޓަރު ވަނީ މިޝްކާއަށް ފަރުވާ ލިބުން ލަސްވުމުގައި އިހުމާލު އެބައޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އަދި އިހުމާލާ ގުޅޭ ރިޕޯޓް ނިމުމުން ރިޕޯޓް އާންމުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށާ އަޅުއްވާ ފިޔަވަޅުތައްވެސް އާންމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަން އަޅުގަނޑުމެންގެ އިހުމާލެއް އުޅޭކަން، ހެލްތް މިނިސްޓްރީގެ އިހުމާލެއް އުޅޭކަން މިކަންތައްތައް ލަސްވުމުގައި. އެމްބިއުލާންސް ލަސްވުމުގައި. އަޅުގަނޑު އެ އާއިލާއަށް ވެސް ގުޅިގެން. އެ އާއިލާގެ މުހައްމަދާ ވެސް އަޅުގަނޑު ވާހަކަ ވެސް ދެއްކިން. އެކަންތައް ދިމާވި ގޮތް ވެސް އަޅުގަނޑު މުހައްމަދަށް ދެންނެވިން. އެ ބޭފުޅާއަށް އަޅުގަނޑު، އެއީ މިޝްކާ އަވަހާރަވުމުގެ ކުރީން އަޅުގަނޑު ގުޅީ. އޭގެ ފަހުން އަޅުގަނޑަށް އެނގޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވެސް އެ އާއިލާއަށް ގުޅުއްވާ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި،" މިނިސްޓަރު ވިދާޅުވިއެވެ.
ނަސީމް ވިދާޅުވި ގޮތުގައި އެ މައްސަލާގައި އޭނާގެ އިހުމާލެއް އޮތްތޯވެސް ބަލާނެ އެވެ. އޭނާ އިސްތިއުފާ ދޭނެތޯ ކުރާ ސުވާލަށް ޖަވާބު ދެއްވާނީ އޭގެ ފަހުންނެވެ. އޭނާ އެ މަގާމުގައި ހުންނަވައިގެން އެކަން ބެލޭނެތޯ ސުވާލު ކުރުމުން އެ މަގާމުގައި ހުންނަވައިގެން އެކަން ރަނގަޅަށް ބެއްލެވޭނެ ކަމަށް ވެސް ނަސީމް ވިދާޅުވެ އެވެ.
"ވަރަށް ރަނގަޅަށް ވަރަށް ބޮޑަށް ގަބޫލުކުރަން [އަޅުގަނޑު މަގާމުގައި ހުރެގެން] ބެލިދާނެ ކަމަށް. އެއީ އަޅުގަނޑަކީ އެކަހަލަ ކަންތަކުގައި މަކަރެއް ހަދާނެ މީހެއްވެސް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑަކަށް ނޭނގެ އިސްތިއުފާ ދޭން ޖެހޭ ކަމެއް އަދި. އެއީ އަޅުގަނޑުގެ އިހުމާލެއް މީގައި އޮތީ ކޮން ހިސާބަކުންތޯ ވެސް އެނގެން ޖެހޭ ނޫންތޯ. ހެލްތް މިނިސްޓްރީ އަކީ ގާތްގަނޑަކަށް 8،000 މީހުން އެކީ މަސައްކަތް ކުރާ ތަނެއް އިނގޭތޯ؟ ސިވިލްސާވިސްގެ ގާތްގަނޑަކަށް 21 ޕަސެންޓް، 22 ޕަސެންޓް މީހުން އުޅެނީ ހެލްތް މިނިސްޓްރީގައި. އެހެންވީމަ މިވަރު ބޮޑު ވުޒާރާއެއްގައި މިހާ ގިނަ މީހުން... އަޅުގަނޑުމެންގެ އިމާރާތުގައި އެކަނިވެސް މަސައްކަތް ކުރޭ ހަތަރުސަތޭކަ އައްޑިހަ އެތައް މީހުނެއް. އެހެންވީމަ އެ ހުރިހާ މީހުނެއްގެ ފަރާތުންވާ ކަމެއްގައި ހަމައެކަނި ޒިންމާ ނަގަންޖެހޭނީ އަޅުގަނޑުތޯ އެވެސް ހަމަ އަޅުގަނޑު އަމިއްލައަށް އަޅުގަނޑާ ކުރަންޖެހޭ ސުވާލެއް،" ނަސީމް ވިދާޅުވި އެވެ.