ބޮލީވުޑް

މީނާކްޝީ ޝެޝާދްރީ ހަނދާން އެބަހުރިތަ؟

މީނާކްޝީ ޝެޝާދްރީއަކީ 80 އިގެ އަދި 90 އިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖެހި އެއް ތަރި އެވެ. ނަމަވެސް ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިން ގޮތަށް ވަކި ހިސާބަކުން ފިލްމީ ކެރިއަރަށް ނިމުން ގެނެސް މީނާކްޝީ ވެސް ވަނީ ގެއްލިފަ އެވެ.

މީނާކްޝީގެ ފިލްމީ ކެރިއަރު 15 ވަރަކަށް އަހަރަށް ދެމިގެން ގޮސްފައި ވެއެވެ. އެ މުއްދަތުގައި ބްލޮކްބަސްޓާ ގިނަ ފިލްމުތަކެއް އޭނާ ވަނީ ކުޅެފަ އެވެ. އޭނާއަށް ކުޅެން ލިބޭ ކޮންމެ ރޯލަކަށް މީނާކްޝީ ވަރަށް ފުރިހަމައަށް އިންސާފުކޮށްލާތީ އޭނާއަކީ ވަރަށް ގިނަ ޑައިރެކްޓަރުންގެ ފޭވަރިޓެކެވެ.

ނަމަވެސް ހަރިޝް މައިސޯރޭ ނަމަކަށް ކިޔާ މީހަކާ 1995 ގައި ކައިވެނި ކުރުމަށް ފަހު މީނާކްޝީ ވަނީ ފިލްމީ ދުނިޔެއަށް އަލްވަދާއު ކިޔައި އެމެރިކާ އަށް ދިރިއުޅުން ބަދަލު ކޮށްފަ އެވެ. ހަރީޝް އަކީ އެމެރިކާގައި ވަޒަންވެރި ވެފައިވާ އިންޑިޔާ ދަރިކޮޅުގެ އިންވެސްޓްމަންޓް ބޭންކަރެކެވެ. ހަރީޝް އާއި މިނާކްޝީއަށް އަންހެން ކުއްޖަކާއި ފިރިހެންކުއްޖެއް ލިބިފައި ވެއެވެ.

އެމެރިކާގައި ދިރިއުޅެމުން މީނާކްޝީ ވަނީ ޑާންސް އެކަޑަމީއެއް އުފައްދައި އެ ގައުމުގައި ދިރިއުޅޭ މީހުންނަށް އިންޑިއަން ކްލެސިކަލް ޑާންސް ދަސްކޮށްދޭ ކްލާސްތަކެއް ނަގައިދޭން ފަށާފަ އެވެ. އަދި އެ ގައުމުގައި ބާއްވާ ބައެއް ޗެރިޓީ އިވެންޓްތަކުގައި އޭނާ ޕާފޯމް ވެސް ކުރެ އެވެ.

މީނާކްޝީ ބޮލީވުޑަށް ތައާރަފްވީ 1983 ގައި، ޖެކީ ޝްރޮފް އާއެކު "ހީރޯ" އިންނެވެ. އޭގެ ފަހުން "މޭރީ ޖަންގް"، "ބީސް ސާލް ބާދު"، "ގަންގާ ޖަމުނާ ސަރަސްވަތީ"، "ވިޖޭ"، "ޝެހެންޝާހް"، "ދާމިނީ" އަދި "ގާޓަކް" ފަދަ ރީތި މޮޅު ފިލްމުތަކުގައި މަސައްކަތް ކޮށްފައި ވެއެވެ.