ލައިފްސްޓައިލް

ޔަމަނުގެ މަސްވެރިންނަށް ބޮޑު މާވަހަރެއްގެ ނަސީބު

ބޮޑުމަހުގެ ހޮޑަކީ ކިހާ އަގުހުރި އެއްޗެއްކަން ނޭނގޭ މީހަކު ވަރަށް މަދުވާނެ އެވެ. އޭގެ ހޮޑަށް ލަނީ މާވަހަރު ކަމަށް ވާތީ އެވެ. ދާދި ފަހުން ޔަމަނުގެ ފަގީރު މަސްވެރިންތަކަކަށް ފެނުނު ބޮޑު މާވަހަރެއްގެ ސަބަބުން އެމީހުންގެ ނަސީބު އަތުގައި ހިފާ ހިނދުކޮޅެއްގެ ތެރޭގައި ބޮޑެތި މުއްސަނދިންނަށް އެމީހުން ވަނީ ބައްދަލުވެފަ އެވެ. މި މާވަހަރު އޮތީ އެމީހުންނަށް ފެނުނު މަރުވެފައިވާ ބޮޑު މަހެއްގެ ބަނޑުގަ އެވެ.

ޔަމަނަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ފަގީރު އެއް ގައުމެވެ. އެމީހުން ބަނޑުފުރާނަ މުއްތި ކުރަނީ މަސްވެރިކަން ކޮށްގެން ލިބޭ އެއްޗަކުންނެވެ.

މަސްވެރިކަން ކުރާ ކުޑަ ދޯނިގަނޑެއްގައި 35 މީހުން ހިމެނޭ މަސްވެރިންގެ ގްރޫޕަކުން އެ ދުވަހު ދެކުނު ޔަމަނުގެ ގަލްފް އޮފް އަދަން ކަނޑަށް ނުކުމެ އުޅުނީ މަސްވެރިކަން ކުރާށެވެ. ކުއްލިއަކަށް އެތަނުން އެކަކަށް މަރުވެފައިވާ ބޮޑު މަހެއް އޮޔާ ދަނިކޮށް ފެނުނެވެ. އެ މަހުގެ ބަނޑުގައި މާވަހަރު ހުރެދާނެ ކަމަށް އެމީހާ އޭނާއާއެކު މަސްވެރިކަން ކުރަން އުޅުނު އެހެން މީހުން ކައިރީގައި ބުންޏެވެ. ހާއްސަކޮށް މަރުވެފައިވާ މަހުން ދުވަމުންދިޔަ ނަޖިސް ވަހުން އެ ސޮރުގެ ބަނޑުގައި މާވަހަރު ހުރެދާނެކަމުގެ އުންމީދު މި މީހުންނަށް އިތުރަށް އާވި އެވެ.

ވަރަށް ހާލުން އެމީހުން އެ ބޮޑުމަސް ގޮނޑުދޮށަށް ގެނެސް އެ ސޮރުގެ ބަނޑު ފަޅާލައިގެން ބެލިއިރު އޭގައި 127 ކިލޯގެ މާވަރު ހުއްޓެވެ. މިހާރު ބާޒާރުގައި ހުރި ރޭޓްތަކަށް ބަލާއިރު މިބާވަތުގެ މާވަހަރު ކިލޯއެއް އުޅެނީ 50،000 ޔޫއެސް ޑޮލަރަށެވެ.

ޔޫއޭއީގެ ވިޔަފާރިވެރިއަކަށް މިހާރު މި މާވަހަރު 1.5 މިލިއަން ޑޮލަރަށް ވަނީ ވިއްކާލާފަ އެވެ.

މި މަސްވެރިން ބީބީސީއަށް ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އެމީހުންނަކީ އިންތިހާއަށް ފަގީރު ބަޔަކަށް ވާތީ މިއީ ޚިޔާލަށް ވެސް ނުގެނެވޭވަރުގެ ގިނަ އަދަދެއްގެ ފައިސާ އެވެ. މިފަދަ ގޮތަކަށް ރިޒުގު ދެއްވަފާނެ ކަމަކަށް އެމީހުންގެ ޚިޔާލަށް ވެސް އައިސްފައި ނުވާކަމަށް އެމީހުން ބުންޏެވެ.

އެހެންކަމުން މި މާވަހަރު ވިއްކައިގެން ލިބުނު ފައިސާގެ ބައެއް ޔަމަނުގެ ފަގީރު އާއިލާތަކަށް އެމީހުން ވަނީ ހަދިޔާ ކޮށްފަ އެވެ.