ދުނިޔެ

10#އިޔާ ޗެލެންޖް: ކަންބޮޑުވާންވީ ބަދަލަކީ މިއީކީ ނޫންތަ؟

Jan 18, 2019

މިހާރު އަނެއްކާވެސް ސޯޝަލް މީޑިއާގައި މިވަނީ އާ "ޓްރެންޑެއް" ގެ ހުމެއް ފެތުރިފަ އެވެ. "10 އިޔާ ޗެލެންޖު" އާއި "ގްރޯ އަޕް ޗެލެންޖު" ހޭޝް ޓެގުގެ ދަށުން، ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ތިމާއަށް އައިސްފައިވާ ބަދަލު ދެއްކުމަށް ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ސެލްފީތަކާއި ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

އާންމު އުސޫލުގެ ދަށުން، ދިވެހިންނަށް ވެސް މި "ހުންގަޑު" ރަނގަޅަށް ވަނީ ޖެހިފަ އެވެ. ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ދަނީ އެމީހުންގެ ހަށިގަނޑަށާއި ހެދުން އެޅުމާއި އިސްތަށިގަނޑު ގެންގުޅުނު ސްޓައިލަށް އައިސްފައިވާ ބަދަލު ފޮޓޯތަކުގެ ޒަރިއްޔާއިން "ހޮޑުލެވޭ" ވަރަށް މުޅި ސޯޝަލް މީޑިޔާއަށް އޮއްސަމުންނެވެ.

ނަމަވެސް، މަޖަލަށް ކުރަމުން އަންނަ މި "ޗެލެންޖު" ގެ ބޭނުން ހިފައިގެން، ބައެއް މީހުން ދަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި، ހަމަނުޖެހުމާއި ދާހިލީ ހަނގުރާމައިގެ ތެެރޭގައި މެދު އިރުމަތީގެ ގިނަ ގައުމުތައް ސުންނާފަތިވެފައިވާ މިންވަރު ވެސް ސިފަ ކޮށްދެމުންނެވެ.

އެމެރިކާއާއި ޔޫރަޕުގެ ގައުމުތައް އެކުވެ، 2011 ވަނަ އަހަރު މުއައްމަރު ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނުއަމަށްފަހު، ހައިހޫނުކަމާއި ފަގީރުކަމުގައި، 10 އަހަރުގެ ތެރޭގައި ލީބިޔާ ވެއްޓިފައިވާ ހާލަތު މި ދެ ފޮޓޯއިން ވަރަށް ސާފުކޮށް ސިފަވެ އެވެ.

މެދު އިރުމަތީގެ ގައުމުތަކުގެ ތެރެއިން، ހަމަނުޖެހުން އެންމެ ބޮޑު ގައުމަކީ ސީރިޔާއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ދާހިލީ ހަނގުރާމަ އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އެ ކުރިމަތުލުންތަކުގައި މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ސީރިއާގައި އައިސިސް ހަނގުރާމަވެރިންގެ ވެރިރަށް ގޮތުގައި ސިފަ ކުރާ ރައްގާ ގައި، ދުނިޔޭގެ މާބޮޑު ސަމާލުކަމެއް ނުލިބި ކުރިއަށްދާ ހަނގުރާމާގައި، މުޅި ސަހަރުވަނީ ސުންނާފަތިވެފަ އެވެ.

މިއީ ޔަމަނުގެ ސަނާއަށް ސައުދީ އިސްވެ ދިން ވައިގެ ހަމަލާއަށްފަހު، އެ ސަހަރުގައި ހުރި ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ ތަނަކަށް އައިސްފައިވާ ބަދަލެވެ.