އެމްޓީސީސީ

ސ. މީދޫ ބަނދަރު ހަދާ ނިންމައިފި

Jun 3, 2021

އައްޑޫ ސިޓީ މީދޫ ބަންދަރުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މީދޫ ބަނދަރު ތަރައްގީކޮށް ނިމިފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އެއީ ޖޫން 23، 2019 ގައި ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ 5.36 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން މީދޫ ބަނދަރާއި ބަންދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލައި އަދި އެއްގަމު ތޮށި ވަށައިގެން 125،3 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާފައި ވާނެ ކަމަށެވެ. ބަނދަރުގައި ރޭމްޕެއް ހަދައި ނެރުބައްތި އާއި ބަނދަރު ސަރަހައްދުގައި ވަނީ ބައްތި ހަރުކޮށްފަ އެވެ.

މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިން އާއި ތަފާތު ބަނދަރެއް ކަމަށް ވެސް އެމްޓީސީސީ އިން ބުނެ އެވެ.

އެމްޓީސީސީ އިން މިހާރު ވެސް އަންނަނީ އައްޑޫގައި އެހެނިހެން މަޝްރޫއުތައް ވެސް ހިންގަމުންނެވެ.